ނަރުހުންގެ ފެންވަރާއި ހުނަރު ބެލުމަށް ހަދާ އިމްތިހާނު ހެދުމުގެ ކަންތައްތަކާ ބެހޭގޮތުން މޯލްޑިވްސް ނާސިންގް އެންޑް މިޑްވައިފަރީ ކައުންސިލާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި މޯލްޑިވްސް ނާސިންގް އެންޑް މިޑްވައިފަރީ ކައުންސިލްގެ ފަރާތުން ސޮއި ކޮށްފައިވަނީ ނާސިންގ ކައުންސިލްގެ ރައިސާ އަލްފާޟިލާ މަރިޔަމް ޝަފީޤެވެ. ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ފަރާތުން ސޮއިކޮށްފައިވަނީ ވައިސް ޗާންސެލަރ ޑރ.އަލީ ފަވާޒް ޝަރީފެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނާސިންގް އެންޑް މިޑްވައިފަރީ ކައުންސިލްގެ ރައިސާ އަލްފާޟިލާ މްރިޔަމް ޝަފީޤު ވިދާޅުވީ ސިއްޙީ ދާއިރާގެ މަސައްކަތަށްް ނުކުންނަ ކޮންމެ ނަރުހަކީ އެ މަސައްކަތަށް ޢިލްމްވެރި ހުނަރުވެރި އަދި ލަޔާގަތާއި ޤާބިލިއްޔަތުކަން ލިބިފައިވާ ބަޔެއްކަމުގައި ހަދަންޖެހޭކަމަށެވެ. އަދި އެމީހުންނަކީ އެމީހުންގެ ފެނަވަރު ބެލުމާއި އެމީހުން ކިޔަވާދޭ ތަންތާގެ ފެންވަރު ބެލުމަކީ ނާސިންގ ކައުންސިލްގެ ޤާނޫނު ލާޒިމް ކުރާކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާރޗް 19 އިން ފެށިގެން ރަސްމީކޮށް ނަރުހުންގެ ފެންވަރު ބެލުމުގެ އިމްތިޙާނުގެ ކަންތައްތައް ފަށާފައިވާއިރު މި އިމްތިހާނުގެ މަސަތްކަތްތައް ކުރިއަށް ގެންދަނީ ނާސިންގ ކައުންސިލާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީއާ ގުޅިގެންނެވެ. މި އިމްތިހާނުގެ މައިގަނޑު މަޤްޞަދަކީ ނަރުހުންނަކީ ދިވެހިރާއްޖޭގައި ޢިލްމީ ގޮތުންނާއި ހުނަރުގެ ގޮތުން ޤާބިލް ބަޔެއްތޯ ބެލުމަށް ކުރެވޭ އިމްތިހާނެކެވެ. އަދި މި އިމްތިޙާނަކީ އަލަށް ރެޖިސްޓްރީ ކުރާ މީހުންނަށް އެކަނި ހަދަންޖެހޭ އިމްތިހާނެކެވެ.
ނާސިން ކައުންސިލްގެ ރައިސާ އަލްފާޟިލާ މަރިޔަމް ޝަފީޤް ވިދާޅުވީ ނާސިން ކައުންސިލުން މިހާރު ބަލަހައްޓަމުންދާ ނާސިން ރެޖިސްޓަރގައި 3996 ނަރުހުން ރިޖިސްޓްރީ ކުރެވިފައިވާއިރު އޭގެ ތެރެއިން ޕްރޮފެޝަނަލް ރެޖިސްޓްރޭޝަން ދީފަ ތިބީ 239 މީހުންނަށް ކަމަށެވެ. ޕްްރޮވިޝަނަލް ރެޖިސްޓްރޭޝަނަކީ ވަކި މުއްދަތަކަށް ދޭ ރެޖިސްޓްރޭޝަނެއް ކަމަށާ، އެ މުއްދަތުގެ ތެރޭގައި އިމްތިހާނުން ފާސްވާން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ރަސްމީޔާތުގައި ވާހަކަ ދައްކަމުން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ އޮންލައިންކޮށް ޑޮކްޓަރުންގެ ރެޖިސްޓްރޭޝަން އިމްތިހާނާއި ފާމަސިސްޓުންގެ ރެޖިސްޓްރޭޝަން އިމްތިހާނާއި މެޑިކަލް އެހެން ދާއިރާތަކުގެ އިމްތިހާންތައްވެސް ކުރިއަށްދާކަމަށެވެ.
މި އިމްތިޙާނަކީ އޮންލައިން އިމްތިޙާނަކަށް ވާތީ ޤައުމީ ޔުނިވާރސިޓީގެ ހުރިހާ ކެމްޕަސްތަކުން މިހާރު މި އިމްތިހާން ހެދޭނެކަމަށާ ކުރިއަށް އޮތްތަނުގައި އެމީހަކު ހުރި ހިސާބަކުން މި އިމްތިހާން ހެދުމުގެ ކަންތައްތައް ހަމަޖެހުމުގެ މަގުފަހިވެގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.