ޚަބަރު

އައްޑޫގައި ވަކި ދައުލަތެއް ޤާއިމްކުރުމާއިބެހޭ ގޮތުން ނަޝީދު މަޝްވަރާކޮށްފި


އައްޑޫގައި ވަކި ދައުލަތެއް ޤާއިމްކުރުމާ ގުޅޭގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަޝްވަރާކޮށްފިއެވެ.

އައްޑޫގައި ވަކި ދައުލަތެއް ޤާއިމްކުރުމާ ގުޅޭ މަޝްވަރާތަކަކީ ކޮންތާކު، ކޮންބަޔަކާއެކު ބޭއްވި މަޝްވަރާތަކެއްކަމެއް ނޭނގެއެވެ. ނަމަވެސް އެބައްދަލުވުމުގައި ނަޝީދާއި އެބައްދަލުވުމުގައި ތިބި އެހެން ބައެއް މީހުން ދެއްކި ވާހަކަތަކުގެ އޯޑިއޯއެއް ވަނީ ލީކުވެފައެވެ.
ލީކުވެފައިވާ އޯޑިއޯއިން އިވޭގޮތުން ނަޝީދު ބައިވެރިވި ބައްދަލުވުމުގައި ރާވާފައިވަނީ ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫއާއި ފުވައްމުލަކުގައި ޤާނޫނީ ސަރުކާރާ ދެކޮޅަށް ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށެވެ. އަދި އެހަރަކާތުގެ ތެރެއިން އައްޑޫގައި ވަކި ދައުލަތެއް ޤާއިމްކުރުމުގެ ވާހަކަ ބުނުމުން، ނަޝީދު ވަނީ އެކަމަށް ހަތިޔާރު ބޭނުންވާނޭކަމަށް ބުނެފައެވެ. އެހެން ނޫންނަމަ ވަކި ދައުލަތެއް ޤާއިމްކުރުމަށް ދަތިވާނޭކަމަށް ނަޝީދު ވިދާޅުވާ އަޑު ލީކުވެފައިވާ އޯޑިއޯއިން އިވެއެވެ.

"ވަތްކެއް ނުވެވޭނެ އެއްނު؟ ހަތިޔާރެއް ނެތެއްނު! އެހެން ބުނާއިރުވެސް އެކަމަކު ނޭނގޭ.. އަޅުގަނޑު ޓޮޓެއްލާއަށް (ކެރީބިއަންގައި އޮންނަ ޖަޒީރާ ރަށެއް) ދިޔައިން.. ހަމަ އައްޑޫ ވަރު އަތޮޅެއް.. އެއަށްވުރެ މީހުންވެސް މަދު. އިނގޭތޯ؟ ގާތްގަނޑަކަށް ބައްތިރީސް ހާސް މީހުން އައްޑޫގައި އެބައުޅޭ.."

އޯޑިއޯއިން އިވޭ ވާހަކަތަކަށް ބަލާލާއިރު، އައްޑޫއާއި ފުވައްމުލަކުގައި އިދިކޮޅު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުން ސިފައިންނާއި ފުލުހުންނަށް ޕްރެޝަރ ބޮޑުވެގެން އެމީހުންވެސް މުޒާހަރާގައި ބައިވެރިވާނޭކަމަށް ނަޝީދު ވިދާޅުވާ އަޑު އޯޑިއޯއިން އިވެއެވެ.

ނަޝީދު: ކިހިނެތްތޯ ތިކޮޅު ބެރެކްސްގައި.. އައްޑޫ ބެރެކްސްގައި ތިބޭ ސިފައިން.. ބައްދަލުވުމުގެ ބައިވެރިޔަކު: އެކޮޅުގައި ތިބި މީހުން މަދުވެގެން.. އަޅުގަނޑުމެން ކުރީދުވަހު ތަންކޮޅެއް ބޮޑު އެއްޗެއް ޖެއްސީމާ.. ފުވައްމުލަކުގައި ތިބި ސިފައިން ގެނައީ.. ނަޝީދު: ދެން ފުވައްމުލަކުގައިވެސް ޖައްސަން ވީނު.. އައްޑޫ މުޒާހަރާއިން ނަތީޖާ ނިކުންނާނެ..

އައްޑޫގައި ވަކި ދައުލަތެއް ޤާއިމްކުރުމަށް ތާޢީދުކޮށް ނަޝީދު ވާހަކަދައްކާފައިވާއިރު، ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ވަކި ދައުލަތެއް ޤާއިމްކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ނޯންނާނެއެވެ. މީގެ އިތުރުން ޤާނޫނުއަސާސީގައި ދިވެހި ދައުލަތާއި ދިވެހި ދައުލަތުގެ ބާރު ހިނގާ ތަންތަން ވަނީ ކަނޑައަޅާ ބަޔާންކޮށްފައެވެ. އެހެން ކަމުން ވަކި ދައުލަތެއް ހެދުމަށް ކުރާ ކޮންމެ މަސައްކަތަކީ ބޭރުން ބަޔަކު ރާއްޖެއަށް އަރައި އަޅުވެތިކުރުމާ އެއްފަދަ ކަމެކެވެ. އަދި އޭއީ ޤައުމަށްވެވޭ ބޮޑު ޚިޔާނެތެއްގެ އިތުރުން ތަހުޒީބު މުޖްތަމަޢުތަކުގައި މިގޮތަށް ވަކި ދައުލަތެއް ހެދުމަށް މަސައްކަތްކުރުމަކީ ހަރުކަށި އަދަބު ދޭ ބޮޑު ކުށެކެވެ.