ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން މިޔަންމާއާ ދެކޮޅަށް ބައިނަލްއަޤުވާމީ ގޮތުން ފިޔަވަޅު އެޅުމުގެ ކެމްޕޭނެއް އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.)އިން ފަށައިފިއެވެ.
މިޔަންމާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި އެ ޤައުމުގެ އެކަހެރިކުރުމުގެ މި ކޭންޕޭން ފަށާފައިމިވަނީ ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި ފެށި އޯ.އައި.ސީ.ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައެވެ. އޯ.އައި.ސީ.ގެ މި ބައްދަލުވުމުގައި 53 އިސްލާމީ ޤައުމުގެ ޚާރިޖީ ވަޒީރުން ނިންމެވި ނިންމެވުންތަކުގެ ތެރޭގައި، މިޔަންމާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ހަރަކާތްތެރިވާނެ ކޮމިޓީއެއް އެކުލަވާލުމާއި، ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ހުންނަ ސަރަޙައްދުގައި ދިރިއުޅޭ ރޮހިންގްޔާ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްކުރުން ހިމެނެއެވެ. އޯ.އައި.ސީ.ން ވަނީ، އެ ޖަމްއިއްޔާގެ ޚާއްސަ ވަފުދެއް ރޮހިންގްޔާ ރެފިއުޖީން ދިރިއުޅޭ ސަރަހައްދަށް ފޮނުވައި، އެމީހުންގެ ހާލަތު ބަލާފައެވެ.
ދާކާގައި ބޭއްވި އޯ.އައި.ސީ.ގެ ބައްދަލުވުމުގައި އެޖަމްއިއްޔާގެ އަމީންއާންމު ޔޫސުފް ބިން އަލް އުޘައިމީން ވަނީ، އިސްލާމީ ހުރިހާ ޤައުމުތަކަކުން ރޮހިންޔާއިންގެ ދިފާޢުގައި ނިކުތުމަށާއި ރޮހިންޔާއިންނަށް އެހީދިނުމަށް ގޮވާލައްވާފައެވެ. އުޘައިމީން ވިދާޅުވީ މިދިޔަ އަހަރު މިޔަންމާގެ ސިފައިންނާއި ހަރުކަށި ބުޑިސްޓުން ރޮހިންޔާ މުސްލިމުންނަށް އަނިޔާކޮށް އެމީހުންގެ އަވަށްތަކުގައި ހުޅުޖަހައި އެ މީހުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގި ދުވަސްވަރު އޯ.އައި.ސީ.އަށް އެކަމަށް އަޅާލައި ރޮހިންޔާއިންގެ ހައްގުގައި މަސައްކަތް ކުރެވިފައި ނުވުމަކީ ދެރަކަމެއް ކަމަށާއި، އެކަމަށްޓަކައި ރޮހިންޔާ އިންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އޯ.އައި.ސީ.ގެ އަމީންއާންމުގެ އެހީތެރިޔާ ހިޝާމް ޔޫސުފްވެސް ވަނީ މުސްލިމުންގެ ބަޔަކު ހާލުގައިޖެހޭ ވަގުތު އެކަމަށް ދޭންޖެހޭ ސަމާލުކަން އޯ.އައި.ސީ.އަށް ނުދެވުނު ކަމީ ދެރަކަމެއްކަން ފާހަގަކުރައްވާފައެވެ. އޯ.އައި.ސީ.ން ދުނިޔޭގެ ފެންވަރުގައި މިޔަންމާއާ ދެކޮޅަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވުނުނަމަ ރޮހިންޔާއިންނަށް އެހާ ބޮޑަށް އަނިޔާވެރިވާން މިޔަންމާ ސަރުކާރަށް ނުކެރުނީސްކަމަށް ހިޝާމް ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވަނީ ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ގެންދިއުމަށާއި އެމީހުންނަށް މިޔަންމާގެ ރަށްވެރިކަމުގެ ހައްގު ދިނުމަށް މިޔަންމާ ސަރުކާރަށް މަޖުބޫރުކުރުވުމަށްޓަކައި އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ހަރަކާތްތެރިވުމަށް އޯއައިސީގެ ކިބައިން އެދިވަޑައިގެންފައެވެ.