ޚަބަރު

ނަޝީދުގެ ޖަލުޙުކުމް ސުޕްރީމް ކޯޓަށްވެސް ބާޠިލެއް ނުކުރެވޭނެ - އާޒިމާ


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުދުވަހުގެ ޖަލުޙުކުމް ސުޕްރީމް ކޯޓަށްވެސް ބާޠިލްނުކުރެވޭނެކަމަށާ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނަޝީދަށް ނެތްކަމަށް ފުންނާބުއުސް ޤާނޫނީ ވަކީލާ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލްއެފެއާޒް މިނިސްޓަރު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ދެން ކޮން ސުވާލެއް؟" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އާޒިމާ ވިދާޅުވީ ނަޝީދު މިވަގުތު ހުންނެވި ޙާލަތަށް ބަލާއިރު، އެހުންނެވީ ސުޕްރީމްކޯޓުން ކޮށްފައިވާ ނިހާއީ ޙުކުމެއްގެ ދަށުން 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރުމުގެ ތެރޭގައިކަމަށެވެ. އެޙުކުމް އަދިވެސް އޮތީ އޮތްގޮތަކަށްކަމަށާ އެޙުކުމް ބާޠިލްނުވާހާ ހިނދަކު ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ހަމައެއް ނެތްކަމަށެވެ. އަޒިމާ ވިދާޅުވީ އދ.ގެ ވޯކިން ގްރޫޕުން ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދޭންޖެހޭނެކަމަށް ބުނާ ބުނުމަކީ ރާއްޖޭގެ ޤާނޫނު އަސާސީން ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާ ގެއްލުން ބަދަލުރެވޭނެ ގޮވާލުމެއް ނޫންކަމަށެވެ.

އަދި ރާއްޖޭގައި ސުޕްރީމްކޯޓުން ކުރާ ނިހާއީ ޙުކުމެއް އަލުން ބަދަލުކުރުމުގެ ބާރު ޤާނޫނީ ގޮތުން ސުޕްރީމްކޯޓަށްވެސް ލިބިދީފައި ނެތްކަން އާޒިމާ ފާހަގަކުރެއްވިއެވެ.

"ސުޕްރީމް ކޯޓުގެ (ނަޝީދު 13 އަހަރަށް ޖަލަށްލާން ނިންމި ޙުކުމުގެ ) ނިންމުމަކީ ފައިނަލް ނިންމުމެއް. އެހެންވީމަ 1 ފެބްރުއަރީގެ އަމުރުގައިވެސް އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން ސުޕްރީމްކޯޓުން ނިންމާފައި އޮތް ނިންމުމެއް، އަމުރަކުންނެއް ބާޠިލެއް ނުކުރެވޭނެ. އަދި ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގަ ސުޕްރީމް ކޯޓުގެ ޙުކުމެއް އަލުން އަޑުއަހާފައި އަލުން ބަދަލުކުރެވޭނެ އެއްވެސްކަހަލަ ޤާނޫނީ ފުރުސަތެއް ނެތޭ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑަކުއެއް. ދުނިޔޭގެ ބައެއް ތަންތާ މިސާލަކަށް، މިސްކަރޭޖް އޮފް ޖަސްޓިސް ހުރި ކަމަށްވަންޏާ ސުޕްރީމް ކޯޓުން ނިމުނަސް އެވަރުގެ ކަމެއް ފެނިއްޖެއްޔާ ފަހުން އެފުރުސަތުތައް އޮންނަ ޤާނޫނީ އޮނިގަނޑުތައްހުރޭ. އެހެންނަމަވެސް ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައި އެއީ ހަމަ ސީލްޑް، ނިމިފައި އޮތް ނިންމުމެކޭ ސުޕްރީމްކޯޓުން ކޮށްފައި އޮތް ޙުކުމެއް. އެހެންވީމަ ފަހުންކުރާ އަމުރަކުންނެއް އެއެއް ޗޭންޖެއް ނުކުރެވޭނެ. އެއަށް ބަދަލުގެނައުމުގެ ބާރު ސުޕްރީމްކޯޓަކަށްވެސް ނުލިބޭ."

އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ސުޕްރީމްކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރުގެ ހުރިހާބައެއްހެން މިހާރުވަނީ ބާޠިލްވެ ނިމިފައިކަމަށާ މިއީ އަލުން ބަޙުސްކުރަންޖެހޭ ކަމެއްވެސް ނޫންކަމަށެވެ. އެހެންކަމުން މިއަދު ރާއްޖޭގައި އޮތް ޤާނޫނީ ޙާލަތުގައި ނަޝީދަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވޭނެ އަދި އެފަދަ ފުރުސަތަކަށް މަގުފަހުކުރެވޭނެ ގޮތެއްވެސް ނެތްކަމަށެވެ.