ޚަބަރު

މެލޭޝިޔާ ޢާއްމު އިންތިޚާބަށް ތައްޔާރުކަމަށް އިންތިޚާބާ ބެހޭ އިދާރާއިން ބުނެފި


ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބަށް މެލޭޝިޔާ ތައްޔާރުވެފައިވާކަމަށް އެ ޤައުމުގެ އިންތިޚާބުތަކާބެހޭ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން ބުނީ، ބުދަ ދުވަހު ފަށާ އިންތިޚާބަށް ވާންޖެހޭ ފަންނީ އަދި އިދާރީ ތައްޔާރީތައް ވެނިމިފައިވާކަމަށާއި، ވޯޓުލާ ސްޓޭޝަންތަކަށް ވޯޓާބެހޭ ތަކެތި ފޮނުވަމުން ގެންދާކަމަށެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް ފަނަރަ މިލިއަން މީހުން ރަޖިސްޓްރީކޮށްފައިވާއިރު ފުލުހުންވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މެލޭޝިޔާގެ ޢާއްމު އިންތިޚާބުގައި ބޮޑުވަޒީރު މުހައްމަދު ނަޖީބު އަބްދުއްރައްޒާޤަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އޭނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކެވެ. އެހެން ނަމަވެސް ނަޖީބުގެ މައްޗަށް އެއްވެސް ކަމެއް ސާބިތުވެފައެއްނުވެއެވެ.

ނަޖީބަށް ކުރިމަތިވެވަޑައިގެންފައިވާ އަނެއް ގޮންޖެހުމަކީ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެވަޑައިގަތުމެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ މެދުގައިވާ ޚިޔާލު ތަފާތުތުވުންތައް އެންމެ ފަހުވަގުތުވެސް ހައްލު ނުކުރެވުމުގެ ސަބަބުން އެ ފަރާތްތަކަށްވެސް ވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ.

ކުރީގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމަށް ތާއީދުކުރާ ފަރާތްތަކުން ބޮޑުވަޒީރަކަށް ހަމަޖައްސަން ބޭނުންވަނީ މަހާތީރުގެ ބަދަލުގައި އަންވަރުގެ އަނބިކަނބަލުން ޢަޒީޒާ އިސްމާއީލްކަމަށް ޚަބަރުތައް ބުނެއެވެ.