ޚަބަރު

ރައީސް ޔާމީން ވަނީ ޤައުމިއްޔަތު ބިނާކުރުމުގެ ބިންގާ އަޅުއްވާފަ - ޢަބްދުއްރަޙީމް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤައުމިއްޔަތު ބިނާކުރުމުގެ ބިންގާ އަޅުއްވާ ދެއްވާފައިވާކަމަށާއި އެމަސައްކަތް ކުރިއަށް ގެންދަންޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރަގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ "ހެސްކިޔާފަ" މިނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ވެރިކަންކުރަ ޕާޓީ ޕީޕީއެމުން ބޭއްވި ޚައްޞަ ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ދީނާ ޤައުމު ދެކެ ރައީސް ޔާމީން ވެވަޑައިގަންނަވާ ލޯބި އެންމެ ސާފުކޮށް އެނގިގެންދިޔަ އެއްކަމަކީ އެމަނިކުފާނު އިފްތިތާޙް ކުރެއްވި ތަރިކަ މަޝްރޫއިން ކަމަށެވެ. އެ މަޝްރޫޢުގެ އަމާޒަކީ ދީނާއި ޤައުމު ދެކެ ލޯބިވާ ދަރިންތަކެއް ބިނާކޮށް ރާއްޖޭގެ މުސްތަޤުބަލު އުޖާލާކުރުންކަން ފާހަގަކުރައްވާ، ޢަބްދުއްރަޙީމް ވިދާޅުވީ ދިވެހިންނަށް ލެއްވި އެންމެ މަތިވެރި ނަސީބަކީ އިސްލާމްދީނުގެ ހިދާޔަތު ލިބުންކަމަށާއި ކާބަފައިން މިޤައުމަށްޓަކާ އޮހޮރުވި ލޭގެ އަގު ވަޒަންކޮށް އެހަނދާން މިއަދު އާކުރަން ޖެހިފައިވާކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް ކުރިމަތިލައްވަންޖެހިވަޑައިގެންނެވި ގޮންޖެހުންތައް އޭނާ ފާހަގަކުރެއްވިއެވެ. އަދި ހުރިހާ ގޮންޖެހުންތަކާ ވަރަށް ސާބިތުކަމާއެކު އެމަނިކުފާނު ކުރިމަތިލެއްވިކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުންނާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޕިޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގަތް މި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމް ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އިނގުރައިދޫ ދާއިރަގެ މެމްބަރު އިބްރާހީމް ފަލާޙް ވިދާޅުވީ އިދިކޮޅު ޕާޓީތަކުގައިވެސް ޕީޕީއެމާއި ގުޅެން ބޭނުންވާ މީހުން އެބަތިބިކަމަށާއި އިދިކޮޅު ފަރާތްތަކަށްވެސް ރައީސް ޔާމީން ކޮށްދެއްވާ ތަރައްޤީގެ ކަންކަން ޤަބޫލުކުރެވޭކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމަށް އައުމަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކުން ޤާނޫނާ ޚިލާފުވާތީ ފަލާޙުވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ފަލާޙު ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމުގައި ތިބި މީހުންގެ އަޑު އިވެނީ ހަމައެކަނި ޓުވީޓަކުން ނުވަތަ އޯޑިއޯއަކުން ކަމަށެވެ. އަދި ޚާއްޞަކޮށް އެމްޑީޕީގައި ތިބި ތަޢުލީމީ ޒުވާނުން އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕްގެ ފަހަތުގައި ތިބުމުން ހައިރާންވާކަމަށް ފަލާޙު ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވަނީ އިދިކޮޅު ފަރާތްތަކުން ބޭރުގެ އެކި ޤާއުމުގައި ތިބެގެން ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ.

"ހެސްކިޔާފަ" ނަމުގައި ޕީޕީއެމުން ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ފައިތުވި 4 އަހަރު ތެރޭ ކުރިއަށް ގެންގޮސްފައިވާ ތަރައްޤީގެ އެކި މަޝްރޫޢުތަކާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓްތައް ދާއްކާފައިވެއެވެ.