އުދައެރުމުގެ ސަބަބުން ހުއްޓާލާފައިވާ ތިމަރަފުށީ އެއަރޕޯޓްގެ އޮޕަރޭޝަން މާދަމާ ފެށޭނެކަމަށް ތިމަރަފުށީ އެއަރޕޯޓުން ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހު އެއާޕޯޓްގެ ރަންވޭއަށް އުދަ އެރުމުން ރަންވޭއަށް ވަނީ ގިނަ އަދަދެއްގެ ކުނިބުނި ޖަމާވެފައެވެ. އެދުވަހުން ފެށިގެން އެއާޕޯޓްގެ އޮޕަރޭޝަންތައް ވަނީ ހުއްޓާލާފައެވެ. ތިމަރަފުށި އެއާޕޯޓްގެ އޮޕަރޭޝަންސްތައް މާދަމާ ފަށަނީ ރަންވޭއަށް އެޅިފައިވާ ކުނިތައް ސާފުކުރުމަށްފަހުއެވެ. އެ އެއަރޕޯޓަށް ދުވާލަކު އެވަރެޖްކޮށް ތިން ފްލައިޓް ޖައްސައެވެ. ތިމަރަފުއްޓަށް ދަތުރުކުރަމުންދަނީ މޯލްޑިވިއަންގެ ފްލައިޓްތަކެވެ.
އައިލެންޑް އޭވިއޭޝަނުން ވަނީ މާދަމާ ހެނދުނަށް ފްލައިޓް ޝެޑިއުލްކޮށްފައެވެ. ބުދަ ދުވަހު ތިމަރަފުށީ އެއާޕޯޓަށް އުދައެރުމުން ގާތްގަނޑަކަށް ސަތޭކަ ފަންސާސް ފޫޓާއި ދުއިސައްތަ ފޫޓަށް އުދައިގެ އަސަރުކޮށްފަވެއެވެ. އުދަ އެރުމުގެ ސަބަބުން އެއާޕޯޓްގައި ޖަހާފައިވާ ފެންސްވެސް ވަނީ ވެއްޓިފައެވެ.