އޭއެފްސީ ކަޕްގެ އެހެން މެޗްތަކަށް ވުރެ، އިންޑިޔާގެ އައިޒޯލް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދިއުމަށް ކުޅުންތެރިން ބޭނުންވެފައިވާ މިންވަރަކީ ކޯޗަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް ނިއު ރޭޑިއަންޓް ސްޕޯރޓްސް ކުލަބްގެ ކޯޗް އޮސްކާ ބުރޫޒަން ބުނެފިއެވެ.
އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި އިންޑިޔާގެ އައިޒޯލްއާއި ވާދަ ކުރާ މެޗަށް ފުރުމުގެ ކުރިން ނިއުގެ ކޯޗް އޮސްކާ ބުނީ ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދިއުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. ހާއްސަކޮށް އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދިއުމުން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެކަމަށެވެ. އައިޒޯލް މެޗާ ކުރިމަތިލާއިރު، އޭއެފްސީ ކަޕް އަވޭ އެހެން މެޗްތަކާ ހިލާފަށް މިމެޗަށް ކުޅުންތެރިން އަމިއްލައަށްވެސް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށާއި، ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިފައިވާކަމަށް ޤަބޫލް ކުރެވޭކަމަށް އޮސްކާ ބުންޏެވެ. އިންޑިޔާގެ ގުއަހަޓީއަކީ އާންމުކޮށް ފިނި ސަރަހައްދަކަށް ވިއަސް އެއީ އެއްވެސް މައްސަލައެއް ނޫންކަމަށްވެސް ނިއުގެ ކޯޗް އޮސްކާ ބުރޫޒަން ބުންޏެވެ.
" މޫސަމަކީ އެއްވެސް މައްސަލައެއް ނޫން. ނިއުގައި ތިބި ކުޅުންތެރިންގެ ތެރެއިން ވަރަށް މަދު ކުޅުންތެރިއަކު ނޫނީ އެހެން ހުރިހާ ކުޅުންތެރިން ވަނީ އޭއެފްސީގެ ގިނަ މެޗުތަކެއް ކުޅެފަ. އެހެންކަމުން މާހައުލަށް ހޭނުމަކީ މާ އުނދަގޫކަމެއް ނޫން. މެޗުން ބޭނުންވަނީ ސީދާ ތިން ޕޮއިންޓް. އައިޒޯލް ބަލިކުރެވިދާނެ، ކުޅުންތެރިން ތިބީ ވަރަށް ގޯގަ." އޮސްކާ ބުންޏެވެ.
ނިއުރޭޑިއަންޓް ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ދިޔައީ ތަޖުރިބާކާރު ޑިފެންޑަރ މުޙައްމަދު ރަޝީދު، ހޮކޭ ނުލައެވެ. ކޯޗު އޮސްކާ ބުނީ ހޮކޭ ނުގެންދަނީ އަނިޔާގެ އެއްވެސް މައްސަލައަކުން ނޫންކަމަށާއި، ހޮކޭ ބަހައްޓާފައިދަނީ ލިސްޓްގައި ވަކިވަރަކަށް ކުޅުންތެރިން ޖެހޭތީކަމަށެވެ.
މިމެޗަށް ނިކުންނައިރު ނިއުއާއި އިންޑިޔާގެ ބެންގަލޫރު އެފްސީއަށްވެސް ވަނީ 12 ޕޮއިންޓް ލިބިފައެވެ. ނިއުއަށް ކުރި ލިބެނީ ހެޑް ޓު ހެޑުންނެވެ.