ރިޕޯޓް

އިސްރާއީލުގެ އަނިޔާވެރިކަމާ ބެހޭގޮތުން އޯ.އައި.ސީ.ން މަޝްވަރާކުރަނީ


ފަލަސްޠީނުގެ ޣައްޒާ އާއި އިސްރާއީލު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ހޯމަ ދުވަހު މުޒާހަރާ ކުރަމުންދިޔަ ފަރާތްތަކާ ދެކޮޅަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދިން އަނިޔާވެރި ހަމަލާތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އިސްލާމީ ޤައުމުތަކުގެ އިއްތިހާދު އޯ.އައި.ސީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ތުރުކީވިލާތުން ހުށަހަޅައިފިއެވެ.

ހޯމަ ދުވަހުގެ ހަމަނުޖެހުންތަކުގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ފަލަސްޠީނުގެ ފަންސާހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. ހޯމަ ދުވަހުގެ ހަމަނުޖެހުންތަކަށް ފަހު ބައިނަލްއަޤުވާމީ ގިނަ ފަރާތްތަކުން މިވަނީ އިސްރާއީލާ ދެކޮޅަށް ހަރުކަށި ބަސްތަކެއް އަމާޒުކޮށްފައެވެ.

މި ގޮތުން، ތުރުކީވިލާތުގެ ރައީސް ޠައްޔިބު އުރުދުޣާން ހޯމަ ދުވަހުގެ ލޭއޮހޮރުވުންތައް ސިފަކުރައްވާފައިވަނީ އިސްރާއީލުން ހިންގި ޤަތުލުޢާމެއްގެ ގޮތުގައެވެ. އުރުދުޣާން ވިދާޅުވީ، އިސްރާއީލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށާއި މިކަން އެ ޤައުމުން ސާބިތުކުރަމުންދާކަމަށެވެ.

ހޯމަ ދުވަހު މުޒާހަރާ ކުރަމުންދިޔަ ފަރާތްތަކާ ދެކޮޅަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ލައިވް ވަޒަން ބޭނުންކުރަމުން ދިޔަދިއުން ކުށްވެރިކުރައްވާ ނެރުއްވި ބަޔާނެއްގައި އދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާގެ އިސްވެރިޔާ ޒަޢީދް ރަޢުދުލް ހުސެއިން ވިދާޅުވީ، ދިރިއުޅުމުގެ ޙައްޤަކީ އެއްވެސް ފަރާތެއްގެ ކިބައިން ނިގުޅައިގެންވާނެ ހައްޤެއް ނޫންކަމަށައި އިސްރާއީލުން ހިންގަމުންދާ މިފަދަ ޖަރީމާތަކުގެ ފަހަތުގައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭކަމަށެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ އަނިޔާވެރިކަން ފަރަންސޭސި ރައީސް އެމެނުއަލް މެކްރޯންވެސް ވަނީ ކުށްވެރިކުރައްވާފައެވެ. އަނެއްކޮޅުން އިނގިރޭސިވިލާތުން ވަނީ އިސްރާއީލުން ޢާއްމު ރައްޔިތުންނާ ދެކޮޅަށް މިފަދަ އަނިޔާވެރި ގޮތްގޮތަށް ޢަމަލުކުރުމުން ދުރުވުމަށް ގޮވާލާފައެވެ.

ތުރުކީވިލާތުން މިވަނީ އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އިސްލާމީ ޤައުމުތަކުގެ އިއްތިހާދު އޯ.އައި.ސީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައެވެ. ތުރުކީވިލާތުން ބުނެފައިވަނީ މި ހަފުތާގެ ހުކުރު ދުވަހު މި ބައްދަލުވުން ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި ބައްދަލުވުމަށް ފަހު، ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި އިސްތަންބުލްގައި ވަރުގަދަ އެއްވުމެއް ބާއްވާނެކަމަށެވެ.

ފަލަސްޠީނުގެ ޣައްޒާ އާއި އިސްރާއީލު ގުޅޭ ސަރަހައްދީ ރޮނގު ކައިރިން ހޯމަ ދުވަހު ފަލަސްތީނުގެ ރައްޔިތުން ކުރި މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި މި ވަނީ ފަލަސްޠީނުގެ ފަންސާހަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 18 އަހަރުގެ ދަށުގެ 6 ކުދިން ހިމެނޭ ކަމަށް ފަލަސްޠީނުގެ ސިއްހަތާ ބެހޭ އިދާރާތަކުގެ އޮފިޝަލުން ބުނެއެވެ. މިއީ 2014 ވަނަ އަހަރަށްފަހު އިސްރާއީލުން ދިން ހަމަލާތަކުގައި، ސައުވީސް ގަޑިއިރު ތެރޭ ފަލަސްޠީނުގެ އެންމެ ގިނަ ޢަދަދެއްގެ ރައްޔިތުން ޝަހީދުކޮށްލި ފުރަތަމަ ފަހަރެވެ. މިދިޔަ މާރިޗް މަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިވަނީ 97އަށް އަރާފައެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހަކީ ފަލަސްޠީނުން ނަކްބާ ނުވަތަ މުސީބާތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. އެ ދުވަހަކީ 1948 ވަނަ އަހަރު އިސްރާއީލުގެ ޔަހޫދީ ދަޢުލަތް އުފެއްދުމަށް ކަމަށް ބުނެ، ފަލަސްޠީނުގެ ބިންތަކަށް ޔަހޫދީން ގަދަކަމުން ވެރިވެގަނެ، އެ ޤައުމުގެ އެތަށް ހާސް ބަޔަކު ފައްސާލި ދުވަހެވެ.