ކުޅިވަރު

ޔޫތް ސިޓީ ފުޓްސަލް ކަޕް ކާމިޔާބުކުރީ އެފްސީ ދާ އެޅުމާއި، ދިވެހި ސިފައިންގެ ކްލަބް


ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ފުޓްސަލް މުބާރާތް "ޔޫތް ސިޓީ ފުޓްސަލް ކަޕް" އެފްސީ ދާ އެޅުމާއި، ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކޮށްފިއެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ އަގުބޮޑު އަދި އެންމެ ގިނަ ޓީމު ބައިވެރިވި ފުޓްސަލް މުބާރާތް "ޔޫތް ސިޓީ ފުޓްސަލް ކަޕް" ގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން ހޯދީ އެފްސީ ދާއެޅުން ޓީމެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ލ.ގަން ފުޓްސަލް ކްލަބާއި ވާދަކޮށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ދޭއް ދޭކުން ދެޓީމް އެއްވަރުވެގެންނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ލަނޑު، އެފް.ސީ ދާއެޅުން ޓީމަށް ކާމިޔާބުކޮށްދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އަލީ ހާފިޒްއެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ލ.ގަން ފުޓްސަލް ކްލަބުން ވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން މެޗުގެ ނަތިޖާ ބަދަލުކޮށްލާފައެވެ. މި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ، އަބްދުﷲ ޖުނައިދުއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން އެފްސީ ދާއެޅުމަށް ނަތީޖާ ހަމަހަމަކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)އެވެ.
މި މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ދާއެޅުން ޓީމުގެ މުހައްމަދު އިމްރާން ޖެހި ޕެނަލްޓީ ފިޔަވައި އެހެން ހުރިހާ ޕެނަލްޓީއެއް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އެފް.ސީ ދާއެޅުން ޓީމަށް މުބާރާތުގެ ޗެންޕިއަންކަން ލިބުނީ ލ.ގަން ފުޓްސަލް ކްލަބުގެ އަހުމަދު އަޖުވަދު ޖެހި ޕެނަލްޓީ ކީޕަރ ދިފާއުކުރި ހިސާބުންނެވެ. ޕެނަލްޓީގައި އެފްސީ ދާއެޅުން ކުރި ހޯދީ 43 ނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކީ އެފް.ސީ ދާ އެޅުން ޓީމުގެ މުހައްމަދު ޝަފީއުއެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކީ އަލީ ހާފިޒުއެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދީ ފައިނަލްގައި ފްރެންޑްސް އާއި ވާދަކޮށް 5-0 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ދިވެހި ސިފައިންގެ ކްލަބުގެ މަރިޔަމް ރިފާ ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް ރިފާއެވެ. ސިފައިންގެ ކްލަބުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ، އައިމިނަތު ޒާހިޔާއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ދިވެހި ސިފައިންގެ ކްލަބުގެ މަރިޔަމް ރިފާއެވެ.


ފިރިހެން ބައިގައި 120 ޓީމް އަދި އަންހެން ބައިގައި 16 ޓީމް ވާދަކުރި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުވެސް ވަނީ ކުލަގަދަކޮށް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މުބާރާތް ނިންމުމުގެ ރަސްމީޔާތު ޝަރަފްވެރިކޮށްދެއްވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތިމަތު އިބްރާހިމްއެވެ. މީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤު އިބްރާހިމްވެސް މި ރަސްމިޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ ދިވެހި ސިފައިންގެ ކްލަބުގެ އަހުމަދު އަލީއެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ އެފް.ސީ ދާއެޅުން ޓީމުގެ ކޯޗު އަހުމަދު ސިނާންއެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ފެއަރ ޕްލޭ ޓީމަކީ ވުމެންސް ފުޓްބޯލް ކްލަބެވެ. ފިރިހެން ޑިވިޝަންގެ ފެއަރ ޕްލޭ ޓީމަކީ ފްލެޓް ހަތެކެވެ. ފެއަރ ޕްލޭ އަންހެން ކުޅުންތެރިއަކީ ވުމެންސް ފުޓްބޯލް ކްލަބުގެ އައިމިނަތު ޝާމިލާއެވެ. އަދި ފިރިހެން ޑިވިޝަންގެ ފެއަރ ޕްލޭ ކުޅުންތެރިއަކީ ލ.ގަން ފުޓްސަލް ކްލަބުގެ އަލީ ނާޝިދުއެވެ.

މީގެ އިތުރުން ފިރިހެން އަދި އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންވެސް ވަނީ ހޮވާފައެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ލ.ގަން ފުޓްސަލް ކްލަބުގެ އަހުމަދު ހަލީމް، އަލީ ނާޝިދު އަދި އެފް.ސީ ދާއެޅުން ޓީމުގެ އަލީ ހާފިޒް އާއި މުހައްމަދު ޝަފީއުގެ އިތުރުން ބަޖިޔާ ޓީމުގެ އިބްރާހިމް މުބީން އަހުމަދު ރަޝީދެވެ.

އެންމެ މޮޅު އަންހެން ފަސް ކުޅުންތެރިންނަކީ، ދިވެހި ސިފައިންގެ ކްލަބުގެ ޝާއިގާ ހުސައިން، އައިމިނަތު ޒާހިޔާ، މަރިޔަމް ރިފާ އަދި ޓީމް ފްރެންޑްސްގެ ސޮފިއްޔާ ރަފާގެ އިތުރުން އައިމިނަތު ޝާލިޔާއެވެ. ފިރިހެން ޑިވިޝަންގައި އެންމެ ގިނަ ލަނޑު ޖެހީ ބަޖިޔާ ޓީމުގެ އަބްދުﷲ ޝާފިއުއެވެ. އަންހެން ޑިވިޝަންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ދިވެހި ސިފައިންގެ ކްލަބުގެ މަރިޔަމް ރިފާއެވެ.

މުބާރާތް ނިންމާލީ ބަޑިބޭހުގެ ކުޅިވަރުތަކާއެކުއެވެ.