މިދިޔަ މާރޗުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 18.5 އިންސައްތަ އިތުރުވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓްރީއިން ނެރިފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މާރޗުމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރީ ޔޫރަޕުގެ ޤައުމުތަކުންނެވެ. މިމުއްދަތުގައި ޔޫރަޕުގެ ޤައުމުތަކުން ރާއްޖެއަށް 82383 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މިއީ 2017ވަނަ އަހަރުގެ މާރޗުމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދާ އަޅާ ބަލާއިރު 33 އިންސަތަ އިތުރު އަދަދެކެވެ. ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ޖަރުމަނުވިލާތުންނެވެ. އެއީ 14692 ފަތުރުވެރިންނެވެ. 13198 ފަތުރުވެރިންނާއެކު ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިޓަލީއިންނެވެ. އަދި 11829 ފަތުރުވެރިންނާއެކު ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ.
ނަމަވެސް މިއަހަރު މާރޗުމަހުގެ ނިޔަލަށް އޭޝިޔާ ޕެސިފިކް ސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.8 އިންސައްތަ ވަނީ ދަށްވެފައެވެ.
ރާއްޖެއަށް އެއް ޤައުމަކުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. މިއަހަރުގެ މާރޗުމަހު ރާއްޖެ ޒިޔާރަތްކުރި މުޅި ޖުމްލަ ޓުއަރިސްޓް އެރައިވަލްގެ ތެރެއިން 9.9 އިންސައްތަ ހިއްސާކުރީ ޗައިނާއިންނެވެ. 2018ވަނަ އަހަރުގެ މާރޗު މަހު ރާއްޖެއަށް ޖުމްލަ 13203 ފަތުރުވެރިން ޗައިނާއިން ޒިޔާރަތްކުރިއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތައް ބަލާނަމަ 27.5 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރު މިމުއްދަތުގައި ޗައިނާއިން ރާއްޖެއަށް 18203 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ބަލާނަމަ މެލޭޝިޔާއާއި ތައިލޭންޑުން ރާއްޖެއައި ފަތުރުވެރިންގެ އަދަދު އިތުރުވިއެވެ. މިގޮތުން މެލޭޝިޔާއިން 66 އިންސައްތައިން 2472 ފަތުރުވެރިން އަދި ތައިލޭންޑުން 108 އިންސައްތައިން 2669 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
އަނެއްކޮޅުން އަލަށް އިތުރުވާންފަށާފައިވާ މާރކެޓްތައް މާރޗުމަހުވެސް ދިޔައީ އިތުރުވަމުންނެވެ. މިގޮތުން މާރޗުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވެފައިވާ މާރކެޓްތަކުގެ ތެރެއިން އޯޝެނިއާއިން 49.4 އިންސައްތަ، އެމެރިކާއިން 24 އިންސައްތަ އަދި އެފްރިކާއިން 11.4 އިންސަތަ އިތުރުވުމެއް ތަފާސްހިސާބުތަކުން ދައްކައެވެ.
އޮކިއުޕަންސީ ރޭޓަށް ބަލާނަމަ މިދިޔަ މާރޗުމަހު ރާއްޖޭގެ އޮކިއުޕަންސީ 66.4 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު މާރޗުމަހުގައި ރާއްޖޭގެ އޮކިއުޕަންސީހުރީ 64.1 އިންސަތަގައެވެ.