ކުޅިވަރު

އައިޒޯލް އަތުން ބަލިވެ، ނިއުއަށް ދެވަނަ ބުރުގެ ފުރުޞަތު ގެއްލިއްޖެ


މުބާރާތުން ކަޓާފައިވާ އިންޑިޔާގެ އައިޒޯލް އަތުން މިރޭ 2-1 އިން ބަލިވެ، ނިއުރޭޑިއަންޓް އޭއެފްސީ ކަޕުގެ ދެ ވަނަ ބުރަށް ނުދެވި މުބާރާތުން ކަޓައިފިއެވެ.
މެޗު ފެށިއިރު ދެ ވަނަ ބުރަށް ދިއުމަށް ހުރިހާ އެޑްވާންޓޭޖެއް ލިބިފައި އޮތް ނިއުއަށް މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މި ގޮތުން ފުރަތަމަ ހާފު ނިންމާލީ އިދިކޮޅު ޓީމުގެ ގޯލަށް އެންމެ ހަމަލާއެއްވެސް ފޮނުވާނުލެވިއެވެ.
ނިއުއަށް މެޗުގައި އައިޒޯލްގެ ގޯލަށް ހަމަލާއެއް ފޮނުވާލެވުނީ އެ ޓީމުން ދެ ލަނޑު ޖެހިފަހުންނެވެ.

ގްރޫޕް އީގެ ޓޭބަލުގެ ފުލުގައި އޮތް އައިޒޯލްގެ ފުރަތަމަ ލަނޑަކީ ނިއުގެ ކީޕަރު އިމްރާން މުހައްމަދު ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. ޑޯޑޯޒް ކާމިޔާބު ކުރި މި ލަނޑަށް ފަހު އައިޒޯލް ވަނީ ދެ ވަނަ ލަނޑެއް ޖަހަން ހުސް ދެ ފުރުސަތު ހޯދައިފައެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ މުޅިން ހުސްކޮށް ލިބުނު ބޯޅައަކާއެކު ކުރިއަށް އަރައި ރޫމޭނިޔާ ކުޅުންތެރިޔާ އަންދްރޭއެވެ.
ނިއުގެ ހަމައެކަނި ލަނޑު ޖެހީ 81 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިޔާ އިބްރާހީމް އަތީގްއެވެ. އޭގެ ފަހުން އަފްގާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީ އަށް މެޗުގެ ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރުސަތު ވަނީ ބޭނުން ނުކުރެވިފައެވެ.

މި ނަތީޖާއާއެކު ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރުކުރީ އިންޑިޔާގެ ބެންގަލޫރު އެފްސީއެވެ. އެ ޓީމަށް ގްރޫޕުގެ ކުރި ލިބުނީ ބަނގްލަދޭޝްގެ ޑާކާ އަބްހާނީއާ ދެކޮޅަށް މިރޭ ކުޅުނު މެޗު 4-0 ން ކާމިޔާބު ކުރުމުން ޖުމުލަ 15 ޕޮއިންޓާއެކުއެވެ. 12 ޕޮއިންޓާއެކު ނިއު އަށް ލިބިފައިވަނީ ޓޭބަލުގެ ދެ ވަނައެވެ. ތިން ވަނަ ލިބެނީ އަބަހާނީއަށެވެ. އަދި ޓޭބަލުގެ ފުލަށް ދިޔައީ އައިޒޯލް އެފްސީއެވެ.