އިނގިރޭސި އެފްއޭކަޕް ތަށި ޗެލްސީ އަށް ހައްޤު ނޫން ކަމަށް ފައިނަލްގައި 1-0 ން ބަލިވި މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
ހުސް އަތާ މި ސީޒަން ނިންމާލަން ޖެހުނު ކޯޗު ބުނީ ތަށި ހައްޤު ނުވާ ސަބަބަކީ ފައިނަލް މެޗުގައި ޗެލްސީން 9 ކުޅުންތެރިންނާއެކު ޑިފެންސް ކުރުން ކަމަށެވެ.
"އަހަރެންގެ ޓީމު މި ގޮތަށް ކުޅުނުނަމަ މީހުން ކިޔާނެ އެއްޗެހި އަހަރެން ހިތަށް އަރާ. އަހަރެން މިހުރީ އަންތަރީސްވެފައި. އެމީހުންނަށް އެނގޭ އަހަރުމެން ޓީމުގައި ރޮމެލޫ ލުކާކޫ އާއި މަރައުނޭ ފެލައިނީ ނެތްކަން. އެހެންވީމާ އެމީހުން ކުރީ ޕެނަލްޓީ އޭރިޔާ ހިސާބުގައި 9 ކުޅުންތެރިން ބައިތިއްބައިގެން ޑިފެންސް،" މޮރީނިއޯ ބުންޏެވެ.
އޭނާގެ މި ފާޑުކިއުން ޗެލްސީގެ ފޯވަޑް އެޑެން ހަޒާޑް ވަނީ ބަލައިގެންފައެވެ.
"އަހަރުމެން ކުރީ ޑިފެންސް. އަހަރުމެންނަށް އެނގޭ އަހަރުމެން މޮޅުވާން ބޭނުމިއްޔާ ރަނގަޅަށް ޑިފެންސް ކުރަންޖެހޭކަން،" މެޗުގެ ހަމައެކަނި ލަނޑު ޕެނަލްޓީއަކުން ކާމިޔާބު ކުރި ހަޒާޑް ބުންޏެވެ.
މޮރީނިއޯ ބުނީ ފުޓްބޯޅައިގައި އަބަދު މޮޅު ޓީމަށް ތަށި ނުލިބޭނެ ކަމަށާއި، ޗެލްސީއަށް މަރުހަބާ ކިޔާ ކަމަށެވެ.
"އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން އަހަރެން އެމީހުންނަށް އިހްތިރާމްކުރަން. އަހަންނަކީ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު. އަހަރެން މި ނުކުތީ އެމީހުންނާ ދެކޮޅަށް. އެއީ އަހަރެންގެ ކުރީގެ ޓީމު. މިހެންވީމަ ވެސް އެއިހްތިރާމް ދޭންޖެހޭ،" މޮރީނިއޯ ބުންޏެވެ.
މިއީ ޗެލްސީ މި ތަށި ހޯދި އަށް ވަނަ ފަހަރެވެ.