ހުސްވެފައިވާ އާސެނަލްގެ ކޯޗުކަން ޕީއެސްޖީން ދޫކޮށްލި ސްޕޭނުގެ ކޯޗު އުނާއީ އެމްރޭއަށް ދޭން ނިންމާފައިކަމަށް އިނގިރޭސި މީޑިޔާތަކުން ބުނަން ފަށައިފިއެވެ.
22 އަހަރަށް ފަހު އާސެނަލްގެ ކޯޗުކަން އާސެން ވެންގާ ދޫކޮށްލީ މި ސީޒަން ނިމުމާއެކުގައެވެ. އަދި އޭނާ ވަނީ އާ ކޯޗަށް އޮފީސް ހަވާލު ކުރުމުގެ ކުރިން އިއްޔެ އޭނާގެ އޮފީހާއި މޭޒު ހުސްކޮށްފަ އެވެ.
ވެންގާއަށް ފަހު އާސެނަލްގެ ކޯޗަކަށް ގެނައުމަށް އެކުލަބުން ބޭނުންވީ ކުރީގެ ކެޕްޓަން މައިކަލް އާޓެޓާއެވެ. ނަމަވެސް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓެންޓަކަށް މިވަގުތު ހުރި އާޓެޓާއާއެކު އެއްބަސްވުމަކަށް ވަނީ ނާދެވިފައެވެ. ސަބަބަކީ ކުޅުންތެރިން ގަނެ ވިއްކުމުގެ ފުލް ކޮންޓްރޯލް އާޓެޓާ ބޭނުންވި ނަމަވެސް އެކަމަށް އާސެނަލްގެ ބޯޑަށް އެއްބަސްނުވެވުނެވެ.
ސެވިއްޔާގެ ކޯޗަކަށް ކުރިން ހުރި އެމްރޭ އަކީ ސިޓީގެ ކޯޗު ގާޑިއޯލާގެ ގާތް ރައްޓެއްސެކެވެ. އޭނާ ވަނީ ސެވިއްޔާއަށް ޔޫރޮޕާ ލީގު ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކޮށްދީ މިދިޔަ ދެ ސީޒަނުގައި ޕީއެސްޖީއަށް ފްރާންސް ލީގާއި ކަޕް ކާމިޔާބުކޮޑްދީފައެވެ. ނަމަވެސް މޮޅު ކުޅުންތެރިން ތިބެ ޗެމްޕިއަންސް ލީގުގެ ކުރީކޮޅު ދެ ފަހަރު ވެސް ވަނީ މުބާރާތުން ކަޓާފައެވެ. އެއީ މިދިޔަ އަހަރު ބާސެލޯނާ އަތުން އަދި މިއަހަރު ރެއާލް މެޑްރިޑް އަތުންނެވެ.