ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ކައިރީގައި ވަށައިގެންވާ ހުރިހާ ސަރަހައްދުތައް އެ ޤައުމުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިއީ، 2011 ވަނަ އަހަރަށްފަހު މި ސަރަހައްދުތައް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނައި ފުރަތަމަ ފަހަރެވެ.
2011 ވަނަ އަހަރުން ފެށިގެން ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައަށް ހަތް އަހަރު ފުރިފައިވާއިރު، ހަނގުރާމަ ނިމުމަކަށް އަންނާނެކަމުގެ ނިޝާންތައް މަދުން ނަމަވެސް ދަނީ ފެންނަމުންނެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވެ، ހަމަނުޖެހުންތައް ހަނގުރާމައަށް ބަދަލުވެގެންދިޔައިރު އިދިކޮޅު ހަނގުރާމަ ޖަމާޢަތްތަކުން ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ހިފާފައިވާ ގިނަ ސަރަހައްދުތައް މިހާރު ވަނީ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މި ގޮތުން، ސޫރިޔާގެ އަސްކަރިއްޔާއިން މިވަނީ މި ހަފްތާގައި ވެރިރަށް ދިމިޝްޤުގެ ވަށައިގެންވާ ސަރަހައްދުތައް އެފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިއީ ހަނގުރާމަ ފެށުނު ފަހުން، ސޫރިޔާގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް މި ސަރަހައްދުތައް ގެނައި ފުރަތަމަ ފަހަރެވެ. ސޫރިޔާގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ސޫރިޔާގެ އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑުން ބުނެފައިވަނީ ދިމިޝްޤުގެ ކައިރީގައި އޮތް ހަޖަރުލް އަސްވަދު ޑިސްޓްރިކްޓާއި، ޔަރްމޫކް ރެފިއުޖީ ކޭމްޕް އޮންނަ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދިޔަ ހަނގުރާމަވެރިން އެ ސަރަހައްދުތަކުން ދޫކޮށް ހިނގައްޖެކަމަށެވެ.
މިއާއެކު ދިމިޝްޤާއި އެ ރަށުގެ ވަށައިގެންވާ އަވަށްތަކާއި ސަރަހައްދުތައް މިހާރު ވަނީ އަސްކަރިއްޔާގެ ބާރުގެ ދަށުގައި ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސޫރިޔާގެ އެހެން ސަރަހައްދުތަކުގައި ހަނގުރާމަކުރަމުންދާ ޓެރަރިސްޓް ޖަމާޢަތްތައް އެ ޤައުމުން ނައްތާލުމަށް ސޫރިޔާގެ އަސްކަރިއްޔާއިން އިތުރު މަސައްކަތްތައް ކުރާނެކަމަށެވެ.
ދިމިޝްޤުގެ ކައިރީގައިވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދިޔައީ ނުރައްކާތެރި އައި.އެސް ޖަމާޢަތުގެ ހަނގުރާމަވެރިން ކަމަށާއި، މީގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް ސޫރިޔާގެ އިރުމަތީގައި އައި.އެސް.އިން ކޮންޓްރޯލް ކުރާ ސަރަހައްދުތަކަށް ގޮސްފައިކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ވަނީ ބުނެފައެވެ.