ޚަބަރު

ކޮލަމްބިޔާގެ ރިޔާސީ އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް ސާފު އަޣުލަބިއްޔަތެއް ނުލިބުނު


ކޮލަމްބިޔާގައި ބޭއްވި ރިޔާސީ އިންތިޚާބުން އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތައަށްވުރެ މަތިން ވޯޓު ލިބިފައި ނުވާތީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވަން އެ ޤައުމުން ނިންމައިފިއެވެ. ކޮލަމްބިޔާގެ އިންތިޚާބުތަކާބެހޭ އިދާރާއިން ބުނީ އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތައަށްވުރެ މަތިން ވޯޓު ލިބިފައި ނުވާތީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނެކަމަށެވެ.

ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ ނެރުމަށްފަހު ދެވަނަ ބުރު ބާއްވާނެ ތާރީޚެއް އިޢުލާން ކުރާނެކަމަށާ ލަސްވެގެން އަންނަ ޖޫންމަހުގެ ފަހުކޮޅު ދެވަނަ ބުރު ބާއްވަންޖެހޭނެކަމަށް އެ އިދާރާއިން ބުނެއެވެ. ކޮލަމްބިޔާގެ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އަދި އިޢުލާންކޮށްފައެއް ނުވެއެވެ.

ނަމަވެސް ނުރަސްމީ ނަތީޖާ ދައްކާގޮތުން ތިރީސް ނުވައެއް އިންސައްތަ ވޯޓު ހޯއްދަވައިގެން ރިޔާސީ ރޭހުގެ އެންމެ ކުރީގައި އުޅުއްވަނީ ކަނާތުފިޔައިގެ ބޭފުޅެއްކަމަށްވާ އިވާން ޑޮކީއެވެ. ޑޮކީ އާ އެންމެ ގާތުން ވާދަކުރެއްވި ވާތުފިޔައިގެ ބޭފުޅެއްކަމަށްވާ ގުސްތާވޯ ޕެޓްރޯއެވެ. އޭނާއަށް އަށް ލިބިވަޑައިގެންފައިވަނީ ފަންސަވީސް އިންސައްތަ ވޯޓެވެ.

ކޮލަމްބިޔާގައި މިދިޔަ ހަފުތާގައި ބޭއްވި ރިޔާސީ އިންތިޚާބަކީ އެ ޤައުމުގެ ދިގުލީ ދާޚިލީ ހަނގުރާމަ ނިމި އިދިކޮޅު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ރިވޮލިއުޝަނަރީ އާމްޑް ފޯސަސް އޮފް ކޮލަމްބިޔާ ، ފާކް ޖަމާއަތާއި ސަރުކާރާދެމެދު ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ބޭއްވި ފުރަތަމަ އިންތިޚާބެވެ.