ކުޅުދުއްފުށީ އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް ސަރުކާރުން އުންމީދުކުރާ ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުންނެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އެއަޕޯޓް ހެދުމަށް އެރަށު ފަޅުން ހިއްކާފައިވާ 6 ހެކްޓަރުގެ ސަރަހައްދާއި، އެރަށުގެ ކުޅިން ހިއްކާފައިވާ 9 ހެކްޓަރުގެ ބިމުގެ ސަރަހައްދު ބައްލަވާލައްވާފައެވެ.
މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ކުޅުދުއްފުށީ އެއަރޕޯޓް އަޅަން މަސައްކަތްކުރާއިރު ކުޅި ހިމެނޭ ބައިން ކިސަޑު ނަގަންޖެހޭ ސަރަހައްދު ތަންކޮޅެއް ބޮޑުކަމަށާއި، އެމް.ޓީ.ސީ.ސީން އެމަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެރޕޯޓްގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް އެކުންފުނިން ތައްޔާރީތަކެއް ވަމުން އަނަންކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނދުމެން އެކްސްޕެކްޓް ކުރާވަރަށް އިރާދަކުރެއްވިއްޔާ މަސައްކަތްތައް ކުރިއަށް އެބަދޭ. ޕްރޮޖެކްޓް ޑެލިވަރކުރަން އެބޭފުޅުންގެ ޓީމުން މިވަނީ މަސައްކަތްކޮށްފައި. ބޭނުންވާ ހުރިހާ އިކިއުޕްމަންޓްތައްވެސް މިހާރު އެހުރީ އައިސްފައި". މިނިސްޓަރ ވިދާޅުވިއެވެ.
ކުޅުދުއްފުށީ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި، އެއަރކްރާފްޓްތައް ޕާކުކުރުމަށް ހަދާ އޭޕްރަން ހެދުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިންގ ކޮމްޕެނީއާއެވެ.
މިމަޝްރޫއަށް ބޭނުންވާ ބިންހިއްކައި ނިމި ރަންވޭ އަޅާ ސަރަހައްދު ވަކިކޮށް އެމް.ޓީސީސީން ދަނީ ހިއްކި ސަރަހައްދުގައި ހަލުވި ސްޕީޑްގައި މަސައްކަތް ކުރަމުންނެވެ.
އެމް.ޓީ.ސީ.ސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޙުޝާމް ވިދާޅުވީ، ކުޅުދުއްފުށީ އެއަރޕޯޓް އަޅާ ސަރަހައްދުގެ ބައެއް ތަންތަނުގައި ވަރަށް ބޮޑަށް ޗަކަ ހެދިފައިވީނަމަވެސް އެތަންތަނަށް ވެލި އަޅައި ކޮމްޕެކްޓްކޮށް ސަބް-ގްރޭޑް ލެވަލް މިހާރު އެއްކޮށް ނިމިފައިވާކަމަށެވެ.
"އަޅުގަނޑުމެން އޭ.ބީ.ސީއަށް ބޭނުންވާާ މެޓީރިއަލްތައް ކުރިއަށް އޮތް ތިރީހަކަށްދުވަސްތެރޭގައި އަންނާނެ. އެހެންވީމަ ދެންފެށޭނީ އޭބީސީގެ މަސައްކަތް. އޭ،ބީ.ސީ އަޅަންވާއިރަށް މުޅި އެއަރޕޯޓްގެ ސަބްބޭސްގެ މަސައްކަތް އަޅުގަނޑުމެން އެއްކޮށް ނިންމާލާންނަން. ޖުލައި މަހުގެ ތެރޭގައި ތާރުގެ މަސައްކަތްފަށަން މިބަލަނީ." ހުޝާމް ވިދާޅުވިއެވެ.
ހދ.ކުޅުދުއްފުށީގައި އަޅާ އެއަރޕޯޓަށް ސަރުކާރުގެ ބަޖެޓުން 185 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. ޓޫރިޒަމް މިނިސްޓަރ ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި އެމް.ޓީ.ސީސީގެ ސީއީ.އޯ އިބްރާހީމް ޒިޔަތުއާއި، ކުޅުދުއްފުށީ ދެކުނުދާއިރާގެ މެންބަރު މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެން އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައިވެއެވެ.