ޚަބަރު

އެމެރިކާއިން އެލުމިނިއަމާއި ސްޓީލުން ޓެރިފް ބޮޑުކުރުން- މުޅި ސިނާޢަތަށް ލޮޅުންއަރާނެ ނިންމުމެއް


އެމެރިކާއަށް އެތެރެ ކުރާ ބައެއް މުދަލުން އިތުރު ޓެކްސް ނެގުމަށް އެމެރިކާއިން ނިންމުމަކީ، އެމެރިކާ އާއި ޗައިނާއާ ދެމެދު ކުރިއަށްގެންދާ ވިޔަފާރިއާ ބެހޭ މަޝްވަރާތަކުގެ ނަތީޖާ ބޭކާރުވެގެންދާނެ ކަމެއްކަމަށް ޗައިނާއިން ބުނެފިއެވެ. އެމެރިކާގެ މި ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ސިނާޢީ ގޮތުން އެންމެ ވަރުގަދަ ހަތް ގައުމު ޖީ-ސެވަންގެ ފާޑުކިއުންތައް ވެސް އެމެރިކާއަށް ވަނީ އަމާޒުވެފައެވެ.

ބުރާސްފަތި ދުވަހު އެމެރިކާއިން ވަނީ، އެ ޤައުމަށް އެތެރެކުރާ ސްޓީލާއި ދަގަނޑުގެ ބާވަތްތަކުން ޓެކުހުގެ ގޮތުގައި ނަގާ މިންވަރު އުތުރުކުރާނެކަން އިޢުލާންކޮށްފައެވެ. މި ގޮތުން ސްޓީލުން 25 އިންސައްތަ އަދި އެލުމިނިއަމުން ދިހައެއް އިންސައްތަ އިތުރުކުރާނެކަމަށާއި، ބުރާސްފަތި ދުވަހުން ފެށިގެން މިކަން ކުރާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އެމެރިކާއިން އިތުރަށް ޓެކްސް ނެގުމަށް ނިންމި ބާވަތްތަކަކީ އެމެރިކާގެ އުފެއްދުންތެރިކަމުގެ ސިނާޢަތާއި އިމާރާތް ކުރުމުގެ ސިނާޢަތުގެ އިތުރުން އެމެރިކާގެ ތެލުގެ ސިނާޢަތަށް ވެސް މުހިއްމު ބާވަތްތަކެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާއިން އެ ޤައުމުގެ ވިޔަފާރީގެ ސިޔާސަތުތަކަށް މިފަދަ ބަދަލުތަކެއް ގެނެސްފައިވަނީ އެމެރިކާގެ އިޤްތިޞާދަށް ފާއިތުވި އަހަރުތަކުގައި އެހެން ޤައުމުތަކުން ދީފައިވާ ގެއްލުންތަކެއްގެ ސަބަބުން ކަމަށް ބުނެއެވެ.

މިފަދަ ދަނޑިވަޅެއްގައި، ޗައިނާއިން ބުނެފައިވަނީ އެމެރިކާގެ މިފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ވިޔަފާރިއާ ބެހޭ ވާހަކަތަކުގެ ނަތީޖާ ބޭކާރުވެގެންދާނެކަމަށެވެ. ޗައިނާގެ ދައުލަތުގެ މީޑިއާ ޝިންހުއާއިން ބުނެފައިވަނީ ޗައިނާއިން އޮތީ އެހެން ޤައުމުތަކުން އެ ޤައުމަށް އެތެރެކުރާ މުދާ އިތުރުކުރަން ތައްޔާރަށް ކަމަށާއި މީގެ ތެރޭގައި އެމެރިކާވެސް ހިމެނޭކަމަށެވެ. އަދި މިއީ ޗައިނާގެ އިޤްތިޞާދު ކުރިއެރުވުމަށް އެ ޤައުމުން ގެންގުޅޭ ސިޔާސަތުގެ ދަށުން އަޅާ ފިޔަވަޅުތަކެއްކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

އެމެރިކާގެ މިފިޔަވަޅުތަކާ ބެހޭ ގޮތުން ޗައިނާއިން މިހެން ބުނެފައިވަނީ ޗައިނާގެ ބޮޑު ވަޒީރުގެ ނާއިބު ލިއު ހީ އާއި އެމެރިކާގެ ވިޔަފާރިއާ ބެހޭ ވަޒީރު ވިލްބަރ ރޮސްއާ ދެމެދުު ޗައިނާގެ ބެއިޖިންގައި ކުރެއްވި މަޝްވަރާތަކަށްފަހުގައެވެ. އަނެއްކޮޅުން، އެމެރިކާގެ ފިޔަވަޅުތަކާ ދެކޮޅަށް ދުނިޔޭގެ ސިނާޢީ ގޮތުން އެންމެ މުއްސަނދި ހަތް ޤައުމު ޖީ-ސެވަން އިން ވަނީ، އެމެރިކާއަށް ފާޑުކިއުން އަމާޒުކޮށްފައެވެ. އެމެރިކާއާއެކު ވިޔަފާރިކުރާ ޤައުމުތައް ކަމަށްވާ ކެނެޑާ، މެކްސިކޯ އަދި ވިލާތުގެ ޤައުމުތަކުންވެސް އެމެރިކާގެ ނިންމުމާ ދެކޮޅަށް ވަނީ ވާހަކަދައްކާފައެވެ.