ސަރުކާރުން ކުރިއަށްގެންދާ 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޒުވާނުންނަށް އަމާޒުކޮއްގެން ނޭޝަނަލް ސެޓްފިކެޓް ތްރީ، އިން ފޮޓޯގްރާފީ ކޯސް އިޢުލާނުކޮށް އެކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބ.ދަރަވަންދޫ، ތ.ވޭމަންޑޫގެ އިތުރުން އައްޑޫއާއި ފުވައްމުލަކު ސިޓީގައެވެ.
މުޅިން ހިލޭ ކުރިއައްގެންދާން ހަމަޖެހިފައިވާ މި ކޯހުގައި އައްޑޫ ސިޓީން 100 އަދި ފުވައްމުލަކު ސިޓީއިން ވެސް 100 ފޮޓޯގްރާފަރުން ތަމްރީން ކުރުމަށް ހަމަޖެހިފައިވެއެވެ. ބ.ދަރަވަންދޫއާއި ތ.ވޭމަންޑޫ، މިއިން ކޮންމެ ރަށަކުން 60 ފޮޓޯގްރާފަރުން ތަމްރީން ކުރުމަށް އަމާޒު ހިފާފއިވާކަމަށް ކޯސް ހިންފާ ޔޫތް ޑިވެލޮޕްމެންޓް ސޮސައިޓީ (ވައިޑީއެސް)އިން ބުނެއެވެ. މިޢަދަދަށް ކުދިން ހަމަނުވިނަމަވެސް ކޯސް ކުރިއަށް ގެންދާނެކަމަށް ވައިޑީއެސްއިން ބުނެއެވެ.
ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހިލޭއެވެ. ނަމަވެސް އެޑްމިޝަން ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއަކު އަތުން އޮރިއަންޓޭޝަން އޮންނަ ދުވަހަކު 500ރ ނަގާނެއެވެ. މި ކޯސް ކުރިއަށް ގެންދާ ޔޫތް ޑިވެލޮޕްމެންޓް ސޮސައިޓީން މަޢުލޫމާތުދިން ގޮތުގައި ކޯސް ފަށާ ދުވަހު ކޮންމެ ބައިވެރިއަކާ ނިކޯން ޑީ.3400 ގެ ކެމެރާކިޓެއް ހަވާލު ކުރާނެއެވެ. މިއީ 8000ރ އަގުހުރި ކެމެރާ ކިޓެއް ކަމަށާ މިކޯސް ނިންމާ ކޮންމެ ބައިވެރިއަކަށްވެސް އިންސްޓޯލްމެންޓް އުސޫލުން 12 މަހަށް ބަހައިލައިގެން އަގު އަދާކުރާގޮތަށް ކެމެރާއެއް ލިބޭނެކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.
ތިއަރީއާއި ޕްރެކްޓިކަލް ބައިތަށްވެސް ހިމަނައިގެން ކުރިއަށް ގެންދާ މި ކޯސް ފުވައްމުލަކު ސިޓީއާއި ބ.ދަރަވަންދޫގައި ފެށުމަށް ހަމަޖެހިފައިވަނީ މި ޖޫން މަހުގެ 28 ވަނަދުވަހުއެވެ. އައްޑޫސިޓީގައި ފެށުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ 5ވަނަ ދުވަހުއެވެ. އަދި ތ.ވޭމަންޑޫގައި ފެށުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ.
މި ކޯހަކީ ރާއްޖޭގައި 1000 ފޮޓޯގްރާފަރުން ތަމްރީން ކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމުގެ ދަށުން ޓީވެޓް އޮތޯރިޓީން ހިންގާ ކޯހެކެވެ. ވައިޑީއެސް އަކީ ޓިވެޓް އޮތޮރިޓީގެ ރެޖިސްޓާރޑް ޓްރެއިނިންގް އޯގަނައިޒޭޝަނެކެވެ. މިހާތަނަށް ވައިޑީއެސް އިން ލ.އަތޮޅުގައި މި ކޯހުގެ 4 ބެޗެއް ތަމްރީނުކޮށްފައެވެ.