ޚަބަރު

އެޑްވާންސް ސައިން ލެންގުއޭޖްގެ ދެނަވަ ޕްރޮގްރާމް ނިންމާލާއިފި


އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެކިއެކި ޚިދުމަތްތައް ހޯދުމުގައި ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށްޓަކާ ޖެންޑަރ މިނިސްޓްރީން ކުރިއަށްގެންދާ ސައިން ލެންގުއޭޖް ޕްރޮގްރާމްގެ އިތުރު ޕްރޮގްރާމެއް ނިންމާލައިފިއެވެ.

11 ބައިވެރިންނާ އެކު ކުރިއަށްގެންދިޔަ މި ޓްރެއިނިންގ ކުރިއަށްގެންދިޔައީ އެއް މަސްދުވަހުގެ މުއްދަތަކަށެވެ. ސައިންލެންގުއޭޖްގެ އެޑްވާންސް ލެވެލްގެ ކޯހެއް ކުރިއަށްގެންދިޔަ މިއީ ދެވަނަ ފަހަރެވެ. އެޕްރީލް މަހުގެ 3 އިން 30ގެ ނިޔަލަށް ކުރިއަށް ދިޔަ މި ޓްރޭނިންގ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގައެވެ. އެރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ އެންޑް ފެމިލީ ޑރ.މަރިޔަމް ޖަބީން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މުޢާމަލާތު ކުރުމަށް މަގުފަހިވެގެން ދިޔުމަކީ، އެ ފަރާތްތައް މުޖުތަމަޢުގެ އެކިއެކި ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ޝާމިލުކުރުމަށް ހޯދޭނެ މަގެއްކަމަށެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވާ ފަރާތްތަކާއެކު ކުރިމަޝްވަރާތަކުން އެނގުނު ގޮތުގައި، މި ބަހަށް އަހުލުވެރިވެފައިވުމުގެ ސަބަބުން މަސައްކަތުގެ ހުނަރު ތަރައްޤީކުރުމާއި، އިޖުތިމާޢީ ގުޅުންތައް ވަރުގަދަ ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާކަމަށްވެސް ޑރ.ޖަބީން ވިދާޅުވިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގައި އީވް ކްލިނިކާއި މޯލްޑިވްސް ބްލަޑް ސަރވިސަސްއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވިކްޓިމް ސަޕޯޓް ޔުނިޓްގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިންވަނީ ބައިވެރިވެފައެެވެ. އަދި އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގައި ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް ކުރަމުންދަ މަސައްކަތުގެތެރެއިން މިހާތަނަށް ސައިންލެންގުއޭޖް ޕްރޮގްރާމްގައި ދުއިސައްތަ ހަތްދިހަ ފަރާތެއް ވަނީ ޖެންޑަރ މިނިސްޓްރީން ތަމްރީންކޮށްފައެވެ. އަދި އެޑަވާންސް ލެވެލް ކޯހުގެ ފުރުތަމަ ބުރުގައިވަނީ ތިރީސް ހަތަރުބައިވެރިން ތަމްރީންކޮށްފައެވެ.