ޚަބަރު

އުތުރު ކޮރެއާ-އެމެރިކާ ސަމިޓަށް ސިންގަޕޫރުން ވަމުންދާ ތައްޔާރީތައް


އަންނަ ހަފުތާގައި އުތުރު ކޮރެއާ އާއި އެމެރިކާގެ އިސްވެރިން ސިންގަޕޫރުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުވުން ކުރިއަށްގެންދާ ވަގުތުގައި ސިންގަޕޫރުގެ ވައިގެ ސަރަހައްދު ކޮންޓްރޯލް ކުރާނެކަމަށް އެ ޤައުމުން ބުނެފިއެވެ. ޖޫން މަހުގެ 12 ވަނަ ދުވަހުގެ ތާރީޚީ ބައްދަލުވުމަށް ސިންގަޕޫރުގެ އިތުރުން އެމެރިކާ އާއި އުތުރު ކޮރެއާއިން ވެސް ދަނީ ތައްޔާރުވަމުންނެވެ.

އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައިގައި އެ ޤައުމުގެ ޒަޢީމް ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް މުޅި ދުނިޔެ އިންތިޒާރުކުރަމުންދާ މި ދަނޑިވަޅުގައި، މި ތާރީޚީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ސިންގަޕޫރުން ދަނީ މިކަމަށް ޚާއްޞަ ތައްޔާރީތަކެއްވަމުންނެވެ.

ސިންގަޕޫރު ތައްޔާރުވަމުން މިދަނީ މީގެ ކުރިން ދުވަހަކުވެސް ބާއްވާފައި ނުވާފަދަ ބައްދަލުކުރެއްވުމަކަށެވެ. މި ބައްދަލުވުމުގެ ތައްޔާރީތަކުގެ ތެރެއިން އެންމެ ބޮޑު އަހައްމިއްޔަތެއް ދީފައިވާ އެއްކަމަކީ ސަލާމަތީ ކަންކަން ކަށަވަރުކުރުމެވެ. މި ގޮތުން، ބައްދަލުވުން އޮންނަ ދުވަހު، ސިންގަޕޫރުގެ ވައިގެ ބައެއް ސަރަހައްދުތަކުގައި އުދުހުންތައް ކޮންޓްރޯލްކުރާނެކަމަށް ވަނީ ބެލެވިފައެވެ. ސިންގަޕޫރުގެ މަދަނީ އުދުހުންތަކާ ބެހޭ އިދާރާއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ޖޫން މަހުގެ 11، 12 އަދި 13 ވަނަ ދުވަހު ސިންގަޕޫރުގެ މަތިން ބައެއް ސަރަހައްދުތަކުގައި އުދުހުން މަނާކުރެވޭނެކަމަށެވެ.

މި އިޢުލާނުގައި ބުނެފައިވަނީ ސިންގަޕޫރުގެ ޗަންގީ ވައިގެ ބަނދަރަށް ޖައްސާ މަތިންދާބޯޓުތައް އުދުހުމުގެ ދުވެލި މަޑުކޮށް، ރަންވޭ މަތިންވެސް ކޮންމެވެސް ވަރެއްގެ ހުރަސްތަކާ ކުރިމަތިލާން ޖެހޭނެކަމަށެވެ. އަދި މިކަމަކީ ސިންގަޕޫރުގެ ޤައުމީ ސަލާމަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއް ކަމަށްވެސް ސިންގަޕޫރުގެ މި އިޢުލާނުގައި ބުނެފައިވެއެވެ.

ސިންގަޕޫރުގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާގެ އިތުރު އިޢުލާނެއްގައި ވަނީ، އެ ޤައުމުގެ އިރުމަތީގައި އޮންނަ ޕަޔާރ ލެބާރް ވައިގެ އަސްކަރީ މަރުކަޒުގެ މަތިން އުދުހުމުގައި ރައްކާތެރިވުމަށް އަމިއްލަ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި މި ޤަވާއިދުތަކަށް އިޖާބަ ނުދޭ އުޅަނދުތަކާ މެދު ފިޔަވަޅުތައް އަޅާނެކަމަށް ސިންގަޕޫރުގެ އިދާރާއިން ވަނީ ބުނެފައެވެ.

އަންނަ ހަފުތާގައި އޮންނަ ވާހަކަތަކުގައި އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައާ މެދު ޖަޕާނުގެ ހުރި ކަންބޮޑުވުންތައް ބުރާސްފަތި ދުވަހު ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ބާއްވާ މަޝްވަރާތަކުގައި ޖަޕާނުގެ ބޮޑުވަޒީރު ހަނދުމަކޮށްދެއްވާނެކަމަށް ޖަޕާނުގެ ޚާރިޖީ ވުޒާރާއިން މިވަނީ ހާމަކޮށްފައެވެ. ޖަޕާނާއި އެމެރިކާގެ އިސް ވެރިން މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ވަނީ މިކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.