ކުޅިވަރު

ރަޝިޔާ އަށް ދިޔަ ފުރަތަމަ ޓީމަކީ އީރާން


އަންނަ ބުރާސްފަތި ދުވަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ރަޝިޔާއަށް ދިޔަ ފުރަތަމަ ގައުމަކަށް އިސްލާމިކް ރިޕަބްލިކް އޮފް އިރާން ވެއްޖެއެވެ.

އޭޝިޔާއިން އެންމެ ފުރަތަމަ ވޯލްޑް ކަޕުގެ ޖާގަ ކަށަވަރު ކުރި ޓީމު ރަޝިޔާގެ ވެރިރަށް މޮސްކޯގައި ކޭމްޕްކުރީ އިއްޔެއެވެ.
ނުކޯވޯ އެއާޕޯޓަށް ފޭބުމަށްފަހު އިރާނުގެ ކޯޗު ކާލޮސް ކުއިރޯޒް ބުނީ ވޯލްޑް ކަޕުގައި ކުޅުމަކީ އީރާނުގެ ކޮންމެ ކުޅުންތެރިއެއްގެ ވެސް އުއްމީދެއް ކަމަށާއި މުބާރާތުގައި ރަނގަޅު ފައިޓެއްދޭން އޭނާގެ ޓީމު ތައްޔާރު ކަމަށެވެ.

"މި މާހައުލަށް ހޭނިލުމަކީ ވަރަށް މުހިންމު ކަމެއް. އަހަރުމެން މަސައްކަތް ކުރާނީ ފުރަތަމަ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާން. އަހަރުމެން ސަޕޯޓަރުންނަށް ދޭން އޮތް މެސެޖަކީ ޓީމާއެކު ތިބޭށޭ. ހާއްސަކޮށް ރަޝިޔާގައި ތިބި އަހަރުމެންގެ ސަޕޯޓަރުން ޓީމަށް ތަރުހީބުދޭނެ. އަހަރުމެން މަސައްކަތް ކުރާނީ ކާމިޔާބު މުބާރާތެއް ނިންމާލަން،" ކުއިރޯޒް ބުންޏެވެ.