ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މާދަމާ ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ގޮވާމުންނަމަ ފިޠުރު ޒަކާތް ދައްކަންވާނީ މީހަކަށް 2.4 ކިލޯކަމަށެވެ. އަދި ޒަކާތް ނެރެންވާނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުންކަމަށެވެ. ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވަނީ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ހޯލުގައެވެ.
ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 12:00 އަށް، މެންދުރު 13:00 އިން ހަވީރު 14:30އަށް އަދި
ރޭގަނޑު 20:30 އިން 22:30 އަށެވެ. ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން އެ ފުރުޞަތު ހުޅުވާލާނީ މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. އަދި ޒަކާތުގެ ގޮތުގައި ބަލައިގަންނަ ގޮވާމުގެ ބާވަތްތައް ބަހަން ފަށާނީ 29 ރަމަޟާން 1439 ވާ ބުދަ ދުވަހުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެގޮތުން އަންނަ ބުދަ ދުވަހު ހެނދުނު 10:30 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބޭ ގޮވާމުގެ ބާވަތްތައް ބެހުމަށް ހަމަޖެހިފައިވާކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.