ކުޅިވަރު

ބެޑްމިންޓަންގެ އަމާޒު ރަން މެޑައްޔަށް!


މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒުން ލިބުނު ކާމިޔާބީއަށްފަހު ދެން އަމާޒަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑައްޔެއް ހޯދުން ކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެއެވެ.

ދެ ރިހިމެޑައްޔާއި، ދެ ލޯ މެޑަލް އާއެކު ރޭ ރާއްޖެއައި ބެޑްމިންޓަން ޓީމަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓީމާ ބައްދަލު ކުރެއްވުމަށްފަހު ޕީއެސްއެމް ސްޕޯޓްސްއަށް ދެއްވި އިންޓަވިއުއެއްގައި އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ މިފަހަރު ލިބުނު މެޑަލް ތަކަކީ ކުރިއަށް އޮތް އިންޑިއަން އޯޝަން ގޭމްސްއިން ރަން މެޑައްޔަކަށް ވާދަކުރުމަށް ކުޅުންތެރިންނަށް ލިބިގެންދިޔަ ހިތްވަރެއްކަމަށެވެ. ޓީމާއެކު މޮރިޝަސްއަށް ވަޑައިގެންނެވި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ މި މުބާރާތުން ކުޅުންތެރިންގެ ފެންވަރު ވަރަށް ބޮޑަށް އެނގިގެން ހިނގައްޖެ ކަމަށާއި މިއަށްވުރެ ބޮޑު މުބާރާތެއްގައި ވާދަކުރަންވެސް ކުޅުންތެރިން ތައްޔާރުކަން އެނގިގެން ދިޔަކަމަށެވެ.

މުބާރާތުގައި ރިހި މެޑަލް ލިބިފައިވަނީ އަންހެން ޑަބަލްސްއިން އާމިނަތު ނަބީހާ އަދި ފާތުމަތު ނަބާހާގެ ޕެއާއަށާއި، މިކްސް ޑަބަލްސް އިން އާމިނަތު ޝަރުހަނާޒާއި މުހައްމަދު ޝާރިމްގެ ޕެއާއަށެވެ. ލޯ މެޑަލް ހޯދައިފައިވަނީ ފިރިހެން ޑަބަލްސްގެ ބައިން މުޙައްމަދު އަޖުފާނާއި އަހުމަދު ތޯއިފްގެ ޕެއާގެ އިތުރުން މިކްސްޑް ޑަބަލްސްއިން އަހުމަދު ތޯއިފް އާއި އާމިނަތު ނަބީހާގެ ޕެއާއެވެ. ކާމިޔާބު ހޯދި ބެޑްމިންޓަން ޓީމްގެ ކުޅުންތެރިންވެސް ވަނީ މޮރިޝަސްގައި ކުރެވުނު ތަޖުރިބާގެ އަލީގައި ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރަން މެޑައްޔެއް ހޯދުމުގެ އަޒުމް ހުރިކަން ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

ބެޑްމިންޓަން ޓީމް ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔުމަށް ސްޕޯޓްސް ކޮމިޝަނަރ އަލީ އުމަރުގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަންގެ އިސްވެރިންވެސް އެއަޕޯރޓުން ޓީމާ ބައްދަލުކުރެއްވިއެވެ.