ޚަބަރު

މިހާތަނަށް 2000 އަށްވުރެ ގިނަމީހުންނަށް ފިޠުރު ޒަކާތުގެ ފައިސާ ދޫކޮށްފި


މިއަހަރުގެ ފިޠުރު ޒަކާތް އިއްޔެ ބަހަން ފަށާފައިވާއިރު، މިހާތަނަށް 2000 އަށްވުރެ ގިނަ މީހުންނަށް ފިތުރު ޒަކާތް ދޫކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއަދު މެންދުރުގެ ނިޔަލަށް 2590 މީހުންނަށް ޒަކާތުގެ ފައިސާ ދޫކޮށްފައިވާ ކަމަށެވެ. ގޮވާމުގެ ބާވަތްތަށް 1248 މީހުންނަށް ދޫކޮށްފައިވާކަމަށާ އެއީ އާދައިގެ ހަނޑުލުން 2490 ކިލޯ އަދި ބާސްމަތީ ހަނޑުލުން 3744 ކިލޯ ކަމަށް މިނިސްޓްރީން ބުނެއެވެ. ޒަކާތުގެ ފައިސާ ދޫކުރުމުގެ މަސައްކަތް މިރޭވެސް ކުރިއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތް ބަހަމުންދާނީ ހެނދުނު 10:30 އިން މެންދުރު 12:00 އާ ހަމައަށް ކަމަށެވެ. އަދި މެންދުރު 12:35 އިން ހަވީރު 15:30 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށް ކަމަށެވެ. މީގެ އިތުރުން މިގަޑިތަކުގައި ޢަރަބިއްޔާ ސްކޫލުގައި ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަހަމުން ގެންދާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މާލޭ ސަރަޙައްދުގައި ފިޠުރުޒަކާތުގެ ގޮތުގައި ބޮލަކަށް ބެހުމަށް ހަމަޖެހިފައިވަނީ 1300 ރުފިޔާއެވެ. މިއަހަރު ޒަކާތުގެ ފައިސާ ގޮތުގައި 3367000 ރުފިޔާ މިހާތަނަށް ބަހާފައިވެއެވެ.
ޒަކާތް ބަހަނީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ފަޤީރުންގެ ލިސްޓުގައި ޖުމްލަ 16294 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނޭނީ އަތޮޅުތަކުން ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީކުރި 12995 މީހުންނާއި މާލެއިން ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީކުރި 3299 މީހުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ޒަކާތު ފައިސާއާ ހަވާލުވުމަށް އެހެން މީހަކު ފޮނުވާނަމަ ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީކޮށްފައިވާ މީހާގެ އައިޑީކާޑާއި، ފަގީރުންގެ ލިސްޓުގައި ހިމެނިފައިވާކަމުގެ ސްލިޕާއި، ފައިސާއާއި ހަވާލުވާ މީހާގެ އައިޑީކާޑް ގެންދަންޖެހޭނެކަމަށެވެ. ރަށްރަށުގައި ޒަކާތުގެ ފައިސާ ދޫކުރާނީ އެރަށެއްގެ ރަށު ކައުންސިލުގެ އިދާރާއިންނެވެ.