ކުޅިވަރު

ބޭނުންވަނީ ކޮންމެ ގޮތެއް ހަދައިންވިޔަސް ފްރާންސް ބަލިކުރަން - ގަރޭޗަ


ޕެރޫ ނިކުންނާނީ ކޮންމެ ގޮތެއް ހަދާފައިވެސް މެޗުން މޮޅުވާން ކަމަށް ކޯޗު ރިކޯޑޯ ގަރެޗަ ބުނެފިއެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސީގައި މިރޭ ފްރާންސް އާއި ބައްދަލުކުރާ މެޗުގެ ކުރިން ޕެރޫގެ ކޯޗު ރިކާޑޯ ބުނީ އޭނާގެ ޓީމަކީ ވަޅީގެ މިޔަމަތީ އޮންނަ ޓީމެއް ކަމާށާއި އެއީ ޓީމަށް އާކަމެއް ނޫންކަމަށެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޑެންމާކް އަތުން ބަލިވުމާއެކު ޕެރޫއަށް މުބާރާތުގައި ކުރިއަށް ދިއުމަށްޓަކައި ފްރާންސް އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން ވަނީ މަޖްބޫރުވެފައެވެ.

ޕެރޫގެ ކޯޗު ބުނީ އޭނާގެ ޓީމު ކޮންމެ ޓީމަކާ ދެކޮޅަށް ނިކުތަސް ނިކުންނާނީ މޮޅުވަން ކަމަށާއި އެކަން ހާސިލްކުރެވޭނެ ކަން ޓީމަށް ގަބޫލްކުރަން ޖެހޭކަމަށެވެ.

"އަހަރުންނަށް އިނގޭ ފްރާންސް އަކީ ކިހާ މޮޅު ޓީމެއް ކަން. އެއީ ގްރޫޕްގެ ފޭވަރިޓުން. އަދި މުބާރާތުގެވެސް ފޭވަރިޓެއް. އެހެންނަމަވެސް ޓީމު އޮތީ ކޮންމެ ހާލަތެއްގައިވެސް ކޮންމެ ޓީމަކާ ބައްދަލުކުރަން ޖެހުނަސް މެޗުން މޮޅުވާން ތައްޔާރަށް. ޓީމުއޮތީ ވަރަށް ނާޒުކު ހާލަތެއްގައި. އެހެންނަމަވެސް މިއީ ޕެރޫ ޓީމަށް އާކަމެއް ނޫން. ވަޅީގެ މިޔަމަތީގައި އޮންނަ ޓީމުވަނީ ދަސްކޮށްފައި." ގަރޭޗަ ބުންޏެވެ.

ޕެރޫ ފްރާންސް އާއި ދެކޮޅަށް ނިކުންނައިރު އުފެދޭ ސުވާލަކީ އެޓީމުގެ ކެޕްޓަން އަދި އެންމެ ގިނަ ލަނޑު ޓީމަށް ޖަހާދީފައިވާ ފޯވާޑް ޕައުލޯ ގަރޭރޯ މެޗު ސްޓާޓް ކުރުމާއިމެދުގައެވެ. މިސުވާލަށް ޖަވާބުދެމުން ކޯޗު ރިކާޑޯ ބުނީ ގަރޭރޯ ހުރީ ފިޓްކޮށް ކަމަށާއި އޭނާ ފުރަތަމަ މެޗުގެ ފުރަތަމަ އެގާރައިގައި ނުހިމެނީ ފިޓްނުވެގެން ނޫންކަމަށާއި އެއީ ޓެކްނިކަލް ކަމެއް ކަމަށެވެ.

ސަސްޕެންޝަންގައި ކުރިން ހުރި ގަރޭރޯ ވޯލްޑް ކަޕްގައި ކުޅެވޭނެކަން ޔަގީންވެސް މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

ޕެރޫ އާއި ބައްދަކުކުރާ މެޗާ ބެހޭގޮތުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމް ބުނީ ފުރަތަމަ މެޗުގައި ކުރިމަތިވި އުނދަގޫތަކާއެކުވެސް މޮޅެއް ލިބުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށާއި ޕެރޫ މެޗުންވެސް ބޭނުންވަނީ ތިން ޕޮއިންޓް ކަމަށެވެ.

އެކަން ހާސިލް ކުރެވޭނެ ކަމަށާއި އެހެންނަމަވެސް ފުރަތަމަ މެޗަށްވުރެ ކުޅުން މާބޮޑަށްވެސް މިމެޗުގައި ރަނގަޅުކުރަން ޖެހޭކަން ކޯޗު ޑިޝޯމް ފާހަގަކުރިއެވެ.

"ބޮޑެތި ޓީމުތަކުގެ ގޮތުގައި ފާހަގަކުރެވުނު ގިނަ ޓީމުތަކަށް މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅެއް ނުލިބުނު އިރު އަހަރެމެންނަށް ފުރަތަމަ މެޗުން ތިން ޕޮންޓް ލިބުމަކީ ލިބުނު ބޮޑު ކުރިއެރުމެއް. ވަރަށް ގިނަ ޓީމުތަކުން އަހަރުމެންނަށް ލިބުނު ނަތީޖާ ހޯދަން ބޭނުންވާނެ. ފުރަތަމަ މެޗުގައި ވަރަށް ބައިވަރު އުނދަގޫތަކާ ކުރިމަތިލާން ޖެހުނު. ދެވަނަ މެޗުގައި އެނަތީޖާ ތަކުރާކުރުމަށް އެމެޗަށްވުރެ މާބޮޑަށްވެސް ކުޅުން ރަނގަޅު ކުރަން ޖެހޭނެ." ޑިޝޯމްޕް ބުންޏެވެ.

ފްރާންސް ގްރޫޕްގެ ފުރަތަމަ މެޗުގައި ނިކުތީ އޮސްޓްރޭލިއާއާއި ދެކޮޅަށެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ އާއި ގޯލް ލައިން ޓެކްނޮލޮޖީގެ އެހީގައި ފްރާންސް މެޗު ކާމިޔާބުކުރީ ދޭއް އެކަކުންނެވެ.

ފްރާންސް އާއި ޕެރޫ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެގަޑިން އަށެއް ޖަހާއިރެވެ.