މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނިޓްގައި ޖަރުމަނުގެ ޓޯނީ ކްރޫސް ޖެހި ލަނޑުން ސްވިޑްން ބަލިވުމަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތަދަތި ބަލިވުން ކަމަށް ސްވިޑްންގެ ކޯޗު ޔޭން އެންޑަސަން ބުނެފިއެވެ.
ސްވިޑްން ގޯލު ޖަހާފައިވަނިކޮށް ޖަރުމަނު އެއްވަރުކޮށް މެޗުން މޮޅުވީ 95 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުން ކާމިޔާބުކޮށްގެންނެވެ.
"މިއީ އަހަރެންގެ ހަޔާތުގައި އެންމެ ހިތްދަތިކޮށް ނިމުނު މެޗު. އެކަމަކު އަހަރުމެން ތިބީ މަރުވެފައެއްނޫން. އެހެންވީމާ އަހަރުމެން ދެން ކުރިއަށް އޮތް މެޗަށް ތައްޔާރުވާނަން. އަހަރުމެންނަށް އަދިވެސް ދެ ވަނަ ބުރަށް ދިއުމުގެ ވަރަށް ރަނގަޅު ފުރުސަތެއް އެބައޮތް. އެހެންވީމާ ކުރިއަށް އޮތް މެޗު ކާމިޔާބު ކުރަން އަހަރެމެން މަސައްކަތް ކުރާނަން. އެކަމަކު މިވަގުތު ނަފްސާނީ ގޮތުން އަހަރުމެން މިތިބީ ވަރަށް ދެރަވެފައި. މިއީ އަހަރުމެންނަށް ޕޮއިންޓެއް ހައްޤު މެޗެއް،" ކޯޗު ބުންޏެވެ.
މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމަށް ސްވިޑްން ބުދަ ދުވަހު ކުޅެން ޖެހެނީ ޓޭބަލުގެ އެއްވަނާގައި އޮތް މެކްސިކޯއާއެވެ. އެ ޓީމު ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް ޓޭބަލުގެ އެއްވަނާގައެވެ. މިހެންވެ ސްވިޑްން ދެ ވަނަ ބުރަށް ދާނީ މެކްސިކޯ ބަލިކޮށްގެންނެވެ.
ޖަރުމަނު ކޮޅަށް ރޭ ގޯލު ޖެހި ސްވިޑްންގެ ފޯވަޑް އޮލާ ޓޮއިވޮނެން ބުނީ ރޭގެ މެޗަކީ ވަރަށް ހިތްދަތިވި މެޗެއް ކަމަށާއި، ނަމަވެސް "މިރޭ (ރޭ ނިދާފައި މާދަމާ (މިއަދު) ތެދުވާއިރު އެންމެވެސް ތިބޭނީ މެކްސިކޯ މެޗަށް ވިސްނުން ބަހައްޓައިގެން،" ކަމަށެވެ.