ކުޅިވަރު

މަރުގެ އިންޒާރާއެކު ކޮލަމްބިއާ ކުޅުންތެރިން ސިހިއްޖެ!


ޖަޕާން އަތުން 2-1 ން ބަލިވި މެޗުގައި ކާލޮސް ސަންޗޭޒަށް ދެއްކި ރަތްކާޑާއެކު ކޮލަމްބިއާއިން އޭނާއަށް މަރުގެ އިންޒާރު ލިބިފައިވާތީ އެކަމުގެ އަސަރު އެ ޓީމުގެ ތައްޔާރުވުންތަކަށް ކޮށްފިއެވެ.

ކޮންމެހެން މޮޅުވާނެ ޖެހޭ މެޗަކަށް ޕޮލެންޑާ ދެކޮޅަށް ނުކުންނައިރު ކޮލަމްބިއާ ކުޅުންތެރިން ބިރުގަތީ މީގެ ކުރިން ހިނގާފައިވާ ހާދިސާއެއްގެ ސަބަބުންނެވެ. 1994 ވަނަ އަހަރުގެ ވަރލްޑް ކަޕުން ކަޓައިގެން ކޮލަމްބިއާ ޤައުމަށް ދިއުމާއެކު އަންދްރެސް އެސްކޮބާ ގަޔަށް ބަޑިޖަހާ މަރާލިއެވެ. އެއީ އޭނާ އަތުން ބައިކޮޅަށް ގޯލެއް ވަދެފައިވާތީއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ސަންޗޭޒަށް މަރުގެ އިންޒާރު ލިބުނުއިރު ޖަޕާން ގޯލު ޖެހީ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އަތުން ޖެހި ބޯޅައަކަށް ރެފްރީ ދިން ޕެނަލްޓީންނެވެ.

މި މެޗަށް ނުކުންނައިރު ކޮލަމްބިއާ ޓީމުގެ ކޯޗު ހޯސޭ ޕެކަމަން ބަދަލުތަކެއް ގެންނާނެއެވެ. މި ގޮތުން ފުރަތަމަ 11ގައި ކުޅެން ނެރޭ އެންމެ މުހިންމު ކުޅުންތެރިއަކީ މިދިޔަ ވަރލްޑްކަޕުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ހަމޭސް ރޮޑްރިގޭޒެވެ. އަނިޔާގެ ސަބަބުން ޖަޕާން މެޗު ފެށިއިރު ބެންޗުގައި އިނަސް ފަހު 20 މިނިޓް ކުޅެން އޭނާ ދަނޑަށް ނުކުތެވެ. ހަމޭސްއާއެކު މެދުތެރެއަށް ކުޅުވާނީ ޖަޕާން ކޮޅަށް ގޯލު ޖެހި ޒުވާން ކުޅުންތެރިޔާ ހުއާން ފެނާންޑޯ ކުއިންޓޭރޯއެވެ.
މީގެ އިތުރުން ޖެޕަސްން ލާމާއެކު މެދަށް ކުޅެން ނެރޭނީ މަޓިއަސް އުރީބޭއެވެ.

މި މެޗަކީ ޕޮލެންޑް ވެސް މޮޅުވާން މަޖުބޫރު މެޗެކެވެ. އެމީހުން ފުރަތަމަ މެޗުގައި ބަލިވީ ސެނަގާލް އަތުންނެވެ. މިހެންވެ މި މެޗުން ބަލިވާ ޓީމެއް މުބާރާތުން ކަޓާނެއެވެ.
ކޮލަމްބިޔާއާއި ޕޮލެންޑް ވާދަކުރާ މެޗު ފަށާނީ މިރޭ 11 ޖަހާއިރުއެވެ.