ޚަބަރު

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމު އަލުން ފައްޓައިފިނަމަ ފިޔަވަޅު އަޅާނެކަމަށް ބުނެ އެމެރިކާއިން އިންޒާރުދީފި


އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ މަސައްކަތް އަލުން ނުފެއްޓުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ގޮވާލައްވައިފިއެވެ.

އެމެރިކާގެ އެމް.އެސް.އެން.ބީ.ސީއަށް ދެއްވި ބަސްދީގަތުމެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ދުނިޔޭގެ ބާރުތަކާއެކު އީރާނުން ޤާއިމުކޮށްފައިވާ ނިއުކްލިޔަރ އެއްބަސްވުމަށް ކޮންމެ ގޮތެއްވީ ނަމަވެސް، އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތްކޮށްގެން ނުވާނެކަމަށެވެ. އަދި އީރާނުން މިފަދަ މަސައްކަތްތައް ކުރަން އުޅޭނަމަ މުޅި ދުނިޔެއިން އެކަމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅާނެކަމަށްވެސް ޕޮމްޕިއޯ ވިދާޅުވިއެވެ.

ޕޮމްޕެއޯ ވިދާޅުވީ، މިކަމާ ދެކޮޅަށް ފިޔަވަޅުތައް އަޅާނީ އެމެރިކާއިން އެކަނި ނޫންކަމަށާއި މުޅި ދުނިޔެއިންވެސް މިކަމާ ނުރުހުން ފާޅުކުރާނެކަމަށް. އެހެންނަމަވެސް މިއީ އަސްކަރީ ފިޔަވަޅުތަކެއް ނޫން ކަމަށާއި މިއީ ސިޔާސީ ގޮތުންނާ އިޤްތިޞާދީ ގޮތުން އަޅާ ފިޔަވަޅުތަކެއް ކަމަށްވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އެމެރިކާއިން ބޭނުންވަނީ އަސްކަރީ ފިޔަވަޅު ނާޅާ މިކަން ހައްލުކުރުމަށް ކަމަށާއި އަސްކަރީ ފިޔަވަޅަކީ އެއްވެސް ބަޔަކަށް ފައިދާވާނެ ކަމެއް ނޫންކަމަށެވެ.

2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބާރުތަކުން އެކުލަވާލި ތާރީޚީ އެއްބަސްވުމުން މޭ މަހު އެމެރިކާއިން ވަކިވުމާއެކު، އެއްބަސްވުން ދަމަހައްޓައި ތަންފީޒުކޮށްފާނޭ ކަމާމެދު މިވަނީ ސުވާލު އުފެދިފައެވެ. އީރާނުން ބުނެފައިވަނީ މި އެއްބަސްވުން އުވާލައިފިނަމަ އެ ޤައުމުގެ ނިއުކްލިޔަރ ޕްރޮގްރާމްގެ މަސައްކަތްތައް އިތުރު ކުރާނެކަމަށެވެ.