ކުޅިވަރު

ސާބާ ޗެންޕިއަންޝިޕަށް ދިވެހި ޤައުމީ ބާސްކެޓް ޓީމް ތައްޔާރު - ކޯޗް ޖޯން ކޮފީނޯ


ބަންގްލަދޭޝްގައި މިއަދު ފަށާ ފީބާ އޭޝިއާ ޗެންޕިއަންސް ކަޕް 2018 ކޮލިފިކޭޝަން ރައުންޑުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ބާސްކެޓް ޓީމް އޮތީ ތައްޔާރަށްކަމަށާއި، ފުރަތަމަ އަމާޒަކީވެސް މިއަދު ހަވީރު ނޭޕާލާ ވާދަކުރާ މެޗު ކާމިޔާބުކުރުން ކަމަށް ޓީމްގެ ކޯޗު ބުނެފިއެވެ.

ނޭޕާލް މެޗަށް ޤައުމީ ބާސްކެޓް ޓީމްގެ ފަހު ފަރިތަކުރުންތަކަށްފަހު ޕީ.އެސް.އެމް ސްޕޯޓްސްއާ ވާހަކަދައްކަމުން ޤައުމީ ބާސްކެޓް ޓީމްގެ އެމެރިކާ ކޯޗް ޖޯން ކޮފީނޯ ބުނީ، ޓީމުން އިންޑިއާގެ ޗެންނާއީގައި ރަނގަޅު ފަރިތަކުރުންތަކެއް ކުރިއަށް ގެންދިޔަކަމަށެވެ. ބައެއް ކުޅުންތެރިގެންގެ ކުދި ކުދި އަނިޔާތަކެއް ހުރި ނަމަވެސް ޖުމްލަކޮށް ކުޅުންތެރިން ފިޓުކަމަށް ކޯޗް ބުންޏެވެ. ކޯޗް ކޮފީނޯ ބުނީ ކޮންމެ ޓީމަކާވެސް ވާދަ ކުރާނީ އެޓީމްތަކަކީ މޮޅު ޓީމްތަކެއްކަމަށް ބަލައިގެން ކަމަށާއި، ރާއްޖޭގެ ޤައުމީ ޓީމު މިފަހަރު ރަނގަޅު ނަތީޖާއެއް ހޯދާނެކަމަށް ޤަބޫލުކުރެވޭކަމަށެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ރާއްޖެގަޑިން އެއްގަޑި ތިރީހުގައެވެ. ބަނގްލަދޭޝް ބާސްކެޓް ބޯލް ފެޑަރޭޝަން ކޯޓުގައި ކުރިއަށްގެންދާ މިމުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ބަންގްލަދޭޝްއާއި ބޫޓާނެވެ. ދެވަނަ މެޗްގައި ދިވެހި ޤައުމީ ޓީމާއި ނޭޕާލް ޤައުމީ ޓީމް ކުޅޭނީ ރާއްޖެގަޑިން ހަވީރު ހަތަރެއް ޖަހާއިރުއެވެ. ރާއްޖެއާއި، ބަންގްލަދޭޝް، ނޭޕާލްގެ އިތުރުން ސްރީލަންކާ އާއި ބޫޓާން ހިމެނޭހެން 5 ޤައުމުން މުބާރާތުގައި ވާދަކުރެއެވެ.