ދުނިޔޭގެ ބާޒާރުގައި ވިއްކާ ސާފު ނުކުރާ ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެއެވެ. ތެލުގެ އަގު އުފުލިފައި މިވަނީ ދުނިޔޭގައި ތެޔޮ އުފައްދާ ޤައުމުތަކުގެ އިއްތިހާދު އޯޕެކްގެ މެމްބަރު ޤައުމުތަކުން އުފައްދާ ތެލުގެ މިންވަރު އިތުރުކުރާނެކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިވަނީ 74 ޑޮލަރަށް އުފުލިފައެވެ. އެމެރިކާއިން ވިއްކާ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 68 ޑޮލަރުގައެވެ. މިއީ ހޯމަ ދުވަހާ އަޅައި ބަލާއިރު %0.22 އިތުރު މިންވަރެކެވެ.
އަންގާރަ ދުވަހު ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގު އުފުލިފައިވަނީ ލީބިޔާއިން އެކްސްޕޯޓްކުރާ ތެލާ މެދު ސުވާލު އުފެދިފައިވާތީކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ދެކެއެވެ. ލީބިޔާއަކީ ދުނިޔޭގެ ތެޔޮ އުފައްދާ ޤައުމުތަކުގެ އިއްތިހާދު އޯޕެކްގެ މެމްބަރު ޤައުމެކެވެ. ލީބިޔާއިން އުފައްދާ ތެލުގެ މައްސަލަ ފެންމަތިވެފައިމިވަނީ، ލީބިޔާގެ އިރުމަތީގެ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންދާ ބާރުތަކުގެ އިސް ކޮމާންޑަރު ޖެނެރަލް ޚަލީފާ ހަފްތާރްގެ ބާރުތަކުން އެ ސަރަހައްދުގެ ތެޔޮ ފީލްޑްތައް ނޭޝަނަލް އޮއިލް ކޯޕަރޭޝަންގެ ނަން ދީފައިވާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި ލީބިޔާގެ ވެރިރަށް ތުރާބުލްސްގައި ހަރަކާތްތެރިވާ އެ ޤައުމުގެ ސަރުކާރުގެ ތެލާބެހޭ ކުންފުންޏަށް އިރުމަތީގައި އުފައްދާ ތެލާ ބެހޭ ގޮތުން އެއްވެސް މުޢާމަލާތެއް ކުރުމުގެ ފުރުސަތު ދެން ލިބިގެން ނުދާނެ ކަމަށްވެސް ޖެނެރަލް ހަފްތާރު ފައުޖުތަކުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ދުނިޔޭގެ ތެލުގެ ބާޒާރު ދިރާސާކުރާ ފަރާތްތަކުން އިއްތިފާޤުވަނީ ލީބިޔާގެ އިރުމަތީގެ ފައުޖުތަކުން އެޅި މިފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުން ނަގާ ތެޔޮ ބާޒާރުގައި ވިއްކޭނެ ކަމާ މެދު ސުވާލު އުފެދޭކަމަށެވެ. އަދި ލީބިޔާގެ ނަމުގައި ދުނިޔޭގެ ބާޒާރުގައި ތެޔޮ ވިއްކޭނީ، ތުރާބުލްސްގައި ހުންނަ އެގައުމުގެ ތެލޭ ބެހޭ ދައުލަތުގެ ކުންފުންޏަށް އެކަނި ކަމަށްވެސް އެ ފަރާތްތަކުން ދެކެއެވެ.
ލީބިޔާގެ ތެލުގެ ސިނާޢަތާ މެދު ސުވާލު އުފެދިފައިމިވަނީ، ދުނިޔޭގައި ތެޔޮ އުފައްދާ ޤައުމުތަކުގެ އިއްތިހާދު އޯޕެކް އާއި އެ އިއްތިހާދުގައި ނުހިމެނޭ ބައެއް ޤައުމުތައް އެއްގަލަކަށް އަރައި، ދުނިޔޭގައި ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އޯޕެކުން ބުނެފައިވަނީ އެއިއްތިހާދާ އެއިއްތިހާދަށް އެއްބާރުލުންދޭ ޤައުމުތަކުން ދުވާލެއްގެ މައްޗަށް އިތުރަށް އެއް މިލިއަން ފީފާގެ ތެޔޮ އުފެއްދުމަށް ނިންމާފައިވާކަމަށެވެ.
ދުނިޔޭގައި ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް އޯޕެކުން ނިންމާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އޭރު ބާޒާރުގައި ތެޔޮ ލިބެން ހުރި މިންވަރު އިތުރުވުމުގެ ސަބަބުން އެ ޤައުމުތަކުން ތެޔޮ ވިއްކާ މިންވަރު ދަށްވުމާ ގުޅިގެންނެވެ.