ޚަބަރު

އެންސީއޭއިން ހިންގި އާރޓްސް އެންޑް ޑިޒައިން ކޯސް 25 ޒުވާނަކު ފުރިހަމަކޮށްފި


ފަންނުވެރި ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް އިން ހިންގި، އާރޓް އެންޑް ޑިޒައިން ކޯސް 25 ޒުވާނަކު ފުރިހަމަކޮށްފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް އިން ހިންގި ސެޓްފިކެޓް ވަން އިން އާރޓްސް އެންޑް ޑިޒައިން ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓިފިކެޓް ދިނުމަށް އާރޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް ޢާދަމެވެ. މި ކޯހަކީ އެއް މަސް ދުވަހުގެ މުއްދަތަށް އެންސީއޭއިން ހިންގި ކޯހެކެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރ އިރުތިޝާމް ޢާދަމް ވިދާޅުވީ، އެކި ދާއިރާތަކުގެ ފަންނުވެރިން ބިނާކުރުމަށް އެންސީއޭއިން ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ކޯސްތަކެއް ހިންގާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިކޯހުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ފަންނުވެރި އާރޓިސްޓުންނާއި ޑިޒައިނަރުން އުފެދިގެންދާނެ ކަމަށާއި މިއީ ފަންނުވެރިން ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި އެންސީއޭގެ ފަރާތުން ހިންގާ ގިނަ ކޯސްތަކަކީ އެއްވެސް ފީއަކާ ނުލާ މުޅިން ހިލޭ ހިންގާ ކޯސްތަކެއް ކަމަށާއި މިހާތަނަށް ތަފާތު އެކި ކޯސްތައް ފުރިހަމަކުރި މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަކީ ދިވެހި ޒުވާނުން ކަން ފާހަގަކުރެއްވިއެވެ.

''90% ޒުވާނުން އާރޓްސް އެންޑް ޑިޒައިންފެ ކޯސްއިން ގްރެޖުއޭޓް ވުމަކީ އެބޭފުލުން އެކި ދާއިރާތަކުން މަސައްކަތްކުރުމަށްޓަކައި އެބޭފުޅުންގެ މަސައްކަތްތަކުން، ފުރިހަމަ ޢާންމްދަނީ އެއް ހޯދޭނެ، އިތުރަށް ތަޢުލީމް ޙާސިލްކުރަން ބޭނުމިއްޔާ އެކަންވެސް ކުރެވޭނެ. އަދި ކުރިއަށް އޮތް ތަނުގައި މިމަޤާމުތައް ފުރަމުން ގެންދިޔަ ބޭރުގެ ސްޕެޝަލިސްޓުން ބޭނުން ނުކޮށް ދިވެހި އާރޓިސްޓުންނާއި ޑިޒައިނަރުން ފައިން އާރޓްސް ވިޔަސް، ގްރެފިކްސް ވިޔަސް، ވިޝުއަލް އާރޓްސް ވިޔަސް އާރޓިސްޓުންނަކީ ދިވެހިރާއްޖޭގައި ބިނާކޮށްފައި ތިބި އާރޓިސްޓުންނަށް ހެދޭނެ'' އިރުތިޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އާރޓިސްޓުންނާއި ޑިޒައިނަރުންގެ ރަޖިސްޓްރީއެއް އެކުލަވާލާ އެމީހުންގެ މަސައްކަތް ބައިނަލްއަޤްވާމީ ދުނިޔެއަށް ފެންނަން ހުންނާނެ ގޮތަށް އެންސީއޭގެ ވެބްސައިޓު ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންސީއޭއިން ބުނީ، އެކި ދާއިރާތަކުން ފާއިތުވި ތިން އަހަރުތެރޭގައި މާލޭއާ އަތޮޅުތަކަށް އަމާޒުކޮށް ހިންގި ކޯސްތަކުން 300 އެއްހާ ދަރިވަރުން ގްރެޖުއޭޓްވި ކަމަށެވެ.
އެންސީއޭއިން ބުނީ، މިއީ ސެޓްފިކެޓް ވަން އިން އާރޓްސް އެންޑް ޑިޒައިން ކޯހުގެ ތިން ވަނަ ބެޗް ކަމަށެވެ. މި ކޯހުގައި ކިޔަވައިދީފައިވަނީ އެންސީއޭގެ ތަޖުރިބާކާރުންނެވެ. އެންސީއޭއިން އަންނަނީ، މިއުޒީޝަނުންނާއި، އާރޓިސްޓުންނާއި، ޑިޒައިނަރުންނާއި، ފިލްމް ޕްރޮޑަކްޝަން ސިނާއަތާ ގުޅުން ހުރި ތަފާތު ކޯސްތައް ހިންގަމުންނެވެ.