ކުޅިވަރު

ޖަރުމަނު މުބާރާތުން ކަޓަންޖެހޭ: ކޯޗު


ދިފާއީ ޗެމްޕިއަން ޖަރުމަނުވިލާތުން މިފަހަރުގެ ވަރލްޑް ކަޕުގެ ފުރަތަމަ ބުރު ފަހަނައަޅައި ދެވޭވަރުގެ ކުޅުމެއް ދައްކާފައިނުވާ ކަމަށް ކޯޗު ޖޯހިމް ލޯ ބުނެފި އެވެ.
ޖަރުމަނު ކެޓީ ކޮންމެހެން މޮޅުވާން ޖެހޭ މެޗެއްގައި ރޭ ދެކުނު ކޮރެޔާ އަތުން 2-0 ން ބަލިވުމުންނެވެ. މިއީ 1938ގެ ފަހުން ޖަރުމަނު ވޯލްޑް ކަޕުގެ ފުރަތަމަ ބުރުން ކެޓި ފުރަތަމަ ފަހަރެވެ.

"އަހަރެން ވަރަށް ހައިރާންވި ކޮރެޔާއާ ދެކޮޅަށް އަހަރުމެންނަށް ޕްރެޝަރުކޮށް ނުލެވުމުން. އަހަރެމެން މުބާރާތުން ކެޓުން ހައްޤު. ސްވިޑްން ލީޑު ނެގިކަން އަހަރުމެންނަށް އެނގުނު. އަދި އަހަރުމެން ކުރިއަށް ޖެހި އެޓޭކް ކުރަން ޖެހުނަސް އެކަމެއްނުވި. މުބާރާތުގައި އަހަރުމެންނަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނު އެއްވެސް މެޗެއްގައި،" ހަތަރު ޓީމު ހިމެނުނު ގްރޫޕުގެ އެންމެ ފުލަށް ގޮސް ކެޓި ޓީމުގެ ކޯޗު ބުންޏެވެ.

ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ގައުމަށް މިފަހަރު ކުރިމަތިވި ދަށް ނަތީޖާތަކުގެ ސަބަބުން ޖަރުމަނުގައި މިވާހަކަ ވަރަށް ބޮޑަށް ދެކެވި މިއީ "ޤައުމީ މައްސަލައަކަށް" ވާނެ ކަމަށް ދެކޭ ކަމަށް ވެސް 2006 ން ފެށިގެން ޤައުމީ ޓީމަށް ކޯޗުކޮށްދެމުން އަންނަ ލޯ ބުންޏެވެ.
މުބާރާތުގައި ކުޅުނު ތިން މެޗަށް ލޯ ނެރެފައިވަނީ ތަފާތު ފުރަތަމަ 11 އެވެ. ކުރީ ދެ މެޗުގައި ފުރަތަމަ 11ގައި ހިމެނުނަސް ރޭގެ މެޗުގައި ތޯމަސް މުލާ އިނީ ބެންޗުގައެވެ. 2010 ވަނަ އަހަރުގެ މުބާރާތުގެ ރަންބޫޓު ހޯދާ، އޭގެ ކުރީ ފަހަރު އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި މުލާއާ ބެހޭ ގޮތުން ކޯޗު ބުނީ ކުޅުންތެރިޔާ ބެންޗަށް ބަދަލުކުރީ ކުރީ ދެ މެޗުގައި ރަނގަޅަށް ނުކުޅޭތީ ކަމަށެވެ.

"އަހަންނަށް ހީވަނީ އަހަންނަށް ތިކަން ކުރަން ޖެހުނު ސަބަބެއް އޮތްހެން. އޭނާއަށް ދެ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ނުދެއްކުނު. އަހަރެން ނެރުނު ފުރަތަމަ 11 ރަނގަޅު ކަމަށް ދެކެން،" ލޯ ބުންޏެވެ.