ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމަށް މިރޭ ފްރާންސާ ދެކޮޅަށް ނުކުންނައިރު އާޖެންޓީނާއިން ފްރާންސް ފްލޯކޮށް އެ ޓީމު ކުޅުނު ހުރިހާ މެޗެއް ބަލާފައިވާނެ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ބުނެފިއެވެ.
"އަހަރުމެން އެމީހުން ފްލޯކުރިން. ހުރިހާ މެޗެއް އަހަރުމެން ބެލިން. ފްރާންސަކީ ވަރަށް މޮޅު ޓީމެއް. އެމީހުންގެ އެބަތިބި ވަރަށް މޮޅު ވަކިވަކި ކުޅުންތެރިން ވެސް. މޮޅު ޑިފެންޑަރުން. މޮޅު މިޑްފީލްޑަރުން އަދި މޮޅު ފޯވަޑުން އެބަތިބި،" މެސީ ބުންޏެވެ.
އޭނާ ބުނީ ފްރާންސް ޓީމަކީ މޮޅު ޓީމެއް ކަމަށާއި އޭނާގެ ގާތް ދެ ރަހުމަތްތެރިން ކަމަށްވާ ފްރާންސްގެ ޑިފެންޑަރު ސެމިއުލް އުމްޓީޓީ އާއި ފޯވަޑް އޮސްމާނޭ ޑެމްބޭލޭގެ ފެންވަރު ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. މިދެ ކުޅުންތެރިންނަކީ މެސީއާއެކު ބާސެލޯނާ އަށް ކުޅޭ ކުޅުންތެރިންނެވެ.
"އެމީހުންގެ ވަރަށް ހަލުވި ކުޅުންތެރިން އެބަތިބި. އެކުޅުންތެރިން ތަފާތު ދައްކާނެ. އަހަރެންގެ ޓީމް މޭޓުން ވެސް އެބަތިބި. އަހަންނަށް އެދެމީހުން ވަރަށް ރަނގަޅަށް އެނގޭ. އަހަންނަށް އެމީހުން ކޮށްފާނެ ކަންތައްތައް. މި މެޗު ވެގެންދާނީ ވަރަށް ވަރަށް ވަރުގަދަ ވާދަވެރި މެޗަކަށް،" މެސީ ބުންޏެވެ.
ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ފްރާންސާއި އާޖެންޓީނާ ވާދަކުރާ މެޗު ފަށާނީ މިރޭ 7 ޖަހާއިރުއެވެ. ޕީއެސްއެމްގެ ޕްރީ ޝޯވ 5:30 ގައި ފަށާނެއެވެ.