ޚަބަރު

އޭވިއޭޝަން ސެކިއުރިޓީ ޕްލޭންތަކެއް އެކުލަވާލާ ގެންދަނީ ތަންފީޒުކުރަމުން - ޑިފެންސް މިނިސްޓަރ


ރާއްޖޭގެ އަމިއްލަ އޭވިއޭޝަން ސެކިއުރިޓީ ޕްލޭންތަކެއް އެކުލަވާލާ އެ ޕްލޭން ތަންފީޒުކުރަމުން ގެންދާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފެށި ކޯޕަރޭޝަން އެވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް އޭޝިއާ ޕެސިފިކް (ކާސްޕް-އޭޕީ)، ގެ 15 ވަނަ ސްޓީއަރިން ކޮމެޓީ ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓާރ އާދަމް ޝަރީފް ވިދާޅުވީ، މި ފަދަ ޕްރޮގްރާމުތަކުގެ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ލިބިގެންދާ ކަމަށެވެ. އެގޮތުން މީގެކުރިން ބޭއްވި ކޯޕަރޭޝަން އެވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމްގެ އެހީތެރިކަމާއިއެކު މިއަހަރު ކުރީކޮޅު ރާއްޖެއިން ރާއްޖޭގެ އަމިއްލަ އޭވިއޭޝަން ސެކިއުރިޓީ ޕްލޭންތަކެއް އެކުލަވާލާފައިވާކަމަށެވެ. އަދި ރާއްޖެއިން އަމާޒު ހިފާފައިވަނީ މި ޕްލޭންގައިވާ ކަންކަންކަމުގެ 90 އިންސައްތަ ހާސިލުކުރުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކާސްޕް-އޭޕީ އަކީ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައި.ކާ.އޯ)ގެ ސަރަހައްދީ އެވީއޭޝަން ސެކިއުރިޓީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ރިޔާސަތު ކޮންމެ އަހަރަކުވެސް މެންބަރު ގައުމަކުން ދާނީ ބަލަހައްޓަމުންނެވެ. އަދި އެގޮތުން މި އަހަރު މި ޕްރޮގްރާމް ސްޓިއަރިން ކޮމެޓީގެ ރިޔާސަތު ބަލަހައްޓަނީ ރާއްޖެއިންނެވެ. މި އަހަރު ސްޓިއަރިންގް ކޮމެޓީގެ ރިޔާސަތު ރާއްޖޭގެ ފަރާތުން ބަލަހައްޓަނީ ޑިފެެންސް މިނިސްޓަރގެ ނާއިބު ތޯރިގް އަލީ ލުތުފީއެވެ.

ކާސްޕް-އޭޕީގެ ބައްދަލުވުން ނިންމާލުމަށްފަހު ޕީއެސްއެމް އާއި ވާހަކަ ދައްކަވަމުން ޑިފެެންސް މިނިސްޓަރގެ ނާއިބު ތޯރިގް އަލީ ލުތުފީ ވިދާޅުވީ މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަން ރާއްޖެއަށް ލިބިގެން ދިޔުމުން މެންބަރު ގައުމުތަކާއި ގުޅުން ބަދަހިކޮށް ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ހަރުދަނާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

" މައިގަނޑު ގޮތެއްގައި މި ޕްރޮގްރާމު އުފެދިފައި މިއޮތީ އޭވިއޭޝަން ސެކިއުރިޓީ ސްޓޭންޑާޑްސްތައް އިމްޕްލިމެންޓު ކުރުމަށް ގައުމުތަކަށް ފޯރުކޮށްދޭ ޓެކްނިކަލް އެހީ އާއި މެންބަރު ގައުމުތަކުގެ މެދުގައި އޮންނަން ޖެހޭ ގާތްކަމާއި އެކުވެރި ކަމާއި އެއްބާރުލުން އުފައްދާ އެކަންތަަށް ތަރައްގީ ކުރުމުގެ މައްޗައް. އެހެން ކަމުން ރާއްޖެ އަށް އެފުރުސަތު ވަރަށް ބޮޑަށް ލިބޭނެ އެހެން ގައުމުތަކާއި އެކު މަސައްކަތް ކުރުމަށް، އަދި ޕްރޮގްރާމް ބައްޓަންވެގެން ދާއިރު ރާއްޖޭ ކަންމާއި ދެމެދު ވިސްނާލުމުގެ ފުރުސަތު ލިބިގެން ދާނެ." ޑެޕިއުޓީ މިނިސްޓާރ ތޯރިގް ވިދާޅުވިއެވެ.

މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތައް ކުރިޔަށްދާ މި ބައްދަލުވުންކުރިޔަށްދަނީ އައްޑޫ ސިޓީ ގަމުގެ އީކުއޭޓަރ ވިލެޖުގައެވެ.