ނުވަދިހަ މިނެޓް ހަމަވެ އިތުރު ވަގުތުގެ ހަތަރު މިނެޓުގެވެސް އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ނަސަރް ޗެޑްލީ ކާމިޔާބުކޮށްދިން ލަނޑާއެކު ޖަޕާން ކަޓުވާލުމަށްފަހު ބެލްޖިއަމް މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.
ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޖަޕާން އާއި ބެލްޖިއަމް ބައްދަލުކުރި މިމެޗު ބެލްޖިއަމް ކާމިޔާބުކުރީ ތިނެއް ދޭކުންނެވެ.
ލަނޑެއް ނުފެނި މެޗުގެ ފުރަތަމަ ހާފް ނިމުންއިރު ދެވަނަ ހާފަގެ ކުރީކޮޅު ދެ ލަނޑު ޖަހާ މެޗުގައި ލީޑް ނެގީ ޖަޕާނުންނެވެ. ޖަޕާންގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގެ ތިން ވަނަ މިނެޓުގެ ތެރޭގައި ހަރަގުޗީއެވެ. ދެވަނަ ލަނޑު އޭގެ ހަތަރު މިނެޓު ފަހުން ކާމިޔާބުކޮށްދިނީ އިނޫއީއެވެ. ޖަޕާން ދެ ލަނޑު ޖަހާފައިވަނީ ބެލްޖިއަމް ނަތީޖާ އަނބުރާލުމުގެ މަސައްކަތް ފެށީ މެޗުގެ ފަސްދޮޅަސް ނުވަ ވަނަ މިނެޓުގައި ޑިފެންޑަރު ޔެން ވަޓެންގަން ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ.
ބެލްޖިއަމް ނަތީޖާ ހަމަ ހަމަކުރީ ދެވަނަ ހާފްގައި ކުޅެން ނިކުތް މެރުއަން ފެލައިނީ ބޮލުން ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. މިލަނޑު ޖެހީ މެޗުގެ ހަތްދިހަ ހަތަރު ވަނަ މިނެޓުގައެވެ. އަދި މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ބެލްޖިއަމް ކުއާޓަރ ފައިނަލަށް ގެންގޮސްދިން ލަނޑުވެސް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޗެޑްލީއެވެ.
މިނަތީޖާ އާއެކު މުބާރާތުގެ ކުއާޓަރ ފައިނަލްގައި ބެލްޖިއަމް ވާދަކުރާނީ މެކްސިކޯ ބަލިކޮށް މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރު ކުރި ބްރެޒިލް އާއިދެކޮޅަށެވެ.