ވިޔަފާރި

ތަޢުލީމީ ޒުވާނުން މަސްވެރިކަމުގައި


ރާއްޖޭގައި މަސްވެރިކަން ކުރުމުގެ ވައްޓަފާޅި ބަދަލުވެ، މިކަމަކީ ޒަމާނީ ފެންވަރުގައި ކުރެވޭ ކަމަކަށް ވުމާއި މިކަމުން ލިބޭ ޢާމްދަނީ އެތައް ގުނައެއް އިތުރުވުމާއެކު، ތަޢުލީމީ ޒުވާނުން ދަނީ މިއަދު މިދާއިރާގެ އިސްސަފުގައި ފައިތިލަ ސާބިތުކުރަމުންނެވެ. އެގޮތުން މަތީ ތަޢުލީމް ޙާޞިލްކޮށްފައިވާ އެތައް ޒުވާނުންނެއް މަސްވެރިކަމުގެ ދާއިރާއަށް ނުކުމެ، އެކަމުން ލިބޭ ރަނގަޅު ޢާމްދަނީއާއެކު ދިރިއުޅެމުންދާކަން ފާހަގަކުރެވެއެވެ.

އަޙްމަދު ޝާފިޢުއަކީ، މާސްޓަރ އޮފް އެޑިޔުކޭޝަން ފުރިހަމަކުރައްވައިފައި ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ތަޢުލީމީ ދާއިރާގައި އުނގަންނައިދިނުމުގައި އިސްފެންވަރެއްގައި މަސައްކަތްކުރައްވައި، ދަރިވަރުންނާއި ބެލެނިވެރިންގެ މަޤްބޫލްކަން ހޯދާފައެވެ. ކިޔަވައި ނިންމުމަށްފަހު 8 އަހަރު ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވިއެވެ. މިހާރު އަޙްމަދު ޝާފިޢުއަކީ މަސްވެރިއެކެވެ. އެންހިފުމަށް ޑައިވްކުރައްވައެވެ. ދޮށިއަޅަން ކުޅަދާނަ ބޭފުޅެކެވެ. މަސްވެރިކަމާގުޅޭ ހުރިހާ މަސައްކަތް ދަނެއެވެ. އަދި މަސްވެރިކަން އެހެން މީހުންނަށް ދަސްކޮށްދިނުމަށް ޝާފިޢުގެ ޢިލްމީ ޤާބިލްކަން ބޭނުންކުރައްވައެވެ. މަސްވެރިކަން ކިޔަވައިދޭނެ މޮޑިއުލެއް ތައްޔާރުކުރެއްވުމުގެ މަސައްކަތް ޝާފިޢު ވަނީ ފަށްޓަވާފައެވެ. ސާފިޢު ދެކެވަޑައިގަންނަވާ ގޮތުގައި ދިރިއުޅަށް މުހިންމީ ވަކިވަޒީފާއެއް އަދާކުރުމެއް ނޫނެވެ.

" އަޅުގަނޑުމެންތެރޭ އާންމުކޮށް ދެކެވޭ ވާހަކައެއްމީ ނުކިޔަވާ ތިބި މީހުން ދާންޖެހޭނީ މަހަށޭ. ނަމަވެސް މިއީ ހަޤީޤަތެއް ނޫން. އަޅުގަނޑުވެސް ތަޢުލީމް ހާޞިލް ކުރުމަށް ވަރަށް ގިނަ ވަގުތު ހޭދަކޮށްފަ އަދި ތަޢުލީމީ ދާއިރާގައި ޓީޗަރެއްގެ ގޮތުން ވަރަށް ގިނަ ދުވަސް ހޭދަކޮށްފަ ވަޒީފާ ދޫކޮށްލާފަ އަޅުގަނޑު މިހާރު މިދަނީ މަހަށް. މަސްވެރިކަން މިހާރު މިވަނީ ވަރަށް ބޮޑަށް ތަރައްޤީވެ ކުރިއަރާފަ. މިއީ ފުރުޞަތު އޮތް ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް". ޝާފިއު ވިދާޅުވިއެވެ.

މުޙައްމަދު އަޤްލީމް ވަނީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ހާޞިލް ކުރައްވާފައެވެ. މިގޮތުން އޭނާ ވަނީ ޝަރީޢާ އެންޑް ލޯއިން ޑިގްރީ ޙާޞިލްކުރައްވާފައެވެ. އަޤްލީމް ވަނީ ކުޑަކުދިންގެ ހިޔާގެ ޑިރެކްޓަރ ކަމާއި މި ނޫންވެސް ބައެއް ދާއިރާތަކުގެ އިސް މަސްއޫލްވެރިން ފެންވަރުގެ ވަޒީފާ އަދާކުރައްވާފައެވެ. އެހެންނަމަވެސް މުޙައްމަދު އަޤްލީމަކީވެސް މިހާރު ދިވެހި މަސްވެރިންނަށް ހިއްވަރު އާލާކޮށްދެއްވާ މަސްވެރިއެކެވެ. މަސްވެރިކަމުން ލިބޭ ޢާމްދަނީން ފުދިގެން ދިރުއުޅޭ ޒުވާނެކެވެ.

ޢަލީ މިންހާން ދީނީ ރޮނގުން މަތީ ތަޢުލީމް ޙާޞިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ މަތީ ތަޢުލީމް ހާސިލްކުރެއްވީ ޔަމަނުންނެވެ. މަސްދޯނީގައި ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރެއްވުމަކީ މިންހާން އިސްކަންދޭކަމެކެވެ. މިންހާންއަކީވެސް މޮޅު މަސްވެރިއެކެވެ. މަސްއައިނަށް އަރައި މަސްބާނާއިރު، މިންހާން ފާހަގަކުރެވެނީ ވަރަށް ގަޔާވެގެން އެކަން ކުރާ ޒުވާނެއްގެ ގޮތުގައެވެ.

އެކި ތަންތާނގައި އެކި ވަޒީފާތަކުގައި އުޅުމަށްފަހު އެ ވަޒީފާތަކަށްވުރެ މަސްވެރިކަމުގެ ނަފާ ބޮޑުކަން ފާހަގަކުރެވޭތީއާއި އޮންނަ މިނިވަންކަމާއި ހިތްހަމަޖެހުން ބޮޑުކަމުން މަސްވެރިކަމުގެ ތެރެއަށް އެތައް ޒުވާނުނެއްނެތް އަންނަނީ މަސްވެރިކަމަށް އެނބުރެމުންނެވެ. މީގެތެރޭގައި ރިސޯޓްތަކުގައި އިސް މަޤާމްތަކުގައި ތިބި ބައެއް ފަރާތްތަކާއި، ސިފައިންނާއި ފުލުހުންގެ ވަޒީފާގައި އުޅުނު ބައެއް ބޭފުޅުން ހިމެނެވެ. މިކަމުން ދައްކައިދެނީ މަސްވެރިކަން ތަރައްޤީވެ ކުރިއަރާފައިވާ މިންވަރެވެ. އަދި މަސްވެރިކަމަކީ ނުކިޔަވާ ތިބި ނުވަތަ އެހެން ވަޒީފާއެއް ނުލިބުނު މީހުން ކުރަން އޮތް މަސައްކަތެއް ނޫންކަން މިއަދުގެ މަސްދޯނިފަހަރަށް ބަލާލުމުން އެނގިގެންދެއެވެ.