ޚަބަރު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.ޔާސިރު ޤާޟީ ޑރ.ޝަހީމަށް މަރުޙަބާ ވިދާޅުވެއްޖެ


ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދަށް އެމެރިކާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ ޔާސިރު ޤާދީ މަރުޙަބާ ވިދާޅުވެއްޖެއެވެ. މިއަހަރު ބާޢްވާ ރިޔާސީ އިންތިޙާބުގައި ރައީސް ޔާމީނުގެ ރަނިން މޭޓެއްގެ ގޮތުގައި ޑރ ޝަހީމު ހަމަޖެހުމާއެކު ރާއްޖެއާއި ދުނިޔޭގެ މަޝްހޫރު އިލްމުވެރިން ގެންދަވަނީ ޑރ ޝަހީމަށް މަރުޙަބާ ކިޔަމުންނެވެ.

2015 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް އިނގިރޭސިބަހުން ޚުތުބާ ދެއްވި ޔާސިރު ޤާދީއަކީ ޕާކިސްތާނަށް ނިސްބަތް، އެމެރިކާއަށް އުފަން ދީނީ އިލްމުވެރިއެކެވެ. ޑރ ޔާސިރު ކުރެއްވި ޓުވީޓެއްގައިވަނީ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމުގެ ރަނިން މޭޓުގެ ގޮތުގައި ޑރ ޝަހީމު ހަމަޖެއްސެވި ޙަބަރު އަޑުއެއްސެވީ ނުހަނު އުފަލާއެކުގައިކަމަށެވެ. އަދި ކުރިޔަށް އޮތް އިންތިހާބުގައި ޑރ ޝަހީމަށް ކަމީޔާބީ ދެއްވާތޯ ދުއާކުރައްވާކަމަށްވެސް ޑރ ޔާސިރު ވިދާޅުވެފައިވެއެވެ. ޑރ ޔާސީރު ޤަދީއަކީ ދުނިޔޭގައިވެސް އެންމެ ބާރުގަދަ އެއް އިސްލާމީ ދީނީ އިލްމުވެރިއެކެވެ. މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކުވެސް ވަނީ ޑރ. ޝަހީމަށް މަރުޙަބާ ކިޔާފައެވެ.

މީގެއިތުރުން ފެޑަރޭޝަން އޮފް އިންޓަރނޭޝަނަލް ޔުނިވާރސިޓީންވެސް ވަނީ ޑރ ޝަހީމަށް މަރުޙަބާ ކިޔާފައެވެ. ޑރ ޝަހީމަކީ މިފެޑަރޭޝަންގެ މެންބަރެކެވެ. އެފެޑަރޭޝަނުން ބުނީ ޑރ ޝަހީމަށް ކާމިޔާބީއަށް އެދޭކަމަށެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަކަށް، ކީރިތި ޤުރްއާން ހިތުދަސް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ހަމަޖެއްސުމާ ގުޅިގެން އެ ނިންމެވުމަށް ތާޢީދުކުރާކަން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންވެސް ވަނީ ހާމަކުރައްވާފައެވެ. މި ނިންމެވުމަށް ތާޢީދުކޮށް ދީނީ ޢިލްމުވެރިން ވިދާޅުވީ ރައީސް ޔާމީންގެ ރަނިންގް މޭޓަކަށް ޝަހީމް ހަމަޖެއްސެވުމަކީ ޢިލްމުވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއްކަމަށާއި އެކަމުން ހާމަވެގެން ދަނީ ރައީސް ޔާމީން ދީނީ ކަންކަމަށާއި، ޢިލްމްވެރިންނަށް ފުރުޞަތުދޭން ބޭނުން ފުޅުވާ މިންވަރު ކަމަށެވެ.