ކުޅިވަރު

ޒޯން 4 ގެ ޗެމްޕިއަންކަން ޑަބްލިޔު މޯލްޑިވްސް ހޯދައިފި


އާރލާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ޒޯން 4 ގެ ޗެމްޕިއަންކަން ޑަބްލިޔު މޯލްޑިވްސް ހޯދައިފިއެވެ.

ޑަބްލިޔު މޯލްޑިވްސް ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު އެރިސޯރޓްގައި ކުޅުނު ފައިނަލް މެޗުގައި ވިލަމެންދޫ އައިލެންޑް ރިސޯރޓް އެންޑް ސްޕާއާ ވާދަކޮށް ސިދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓްތައް ޑަބްލިޔު މޯލްޑިވްސް ގެންދިޔައީ 25-19، 25-21 އަދި 24-26 ނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޤައުމީ ޓީމްގެ ވައިސްކެޕްޓަން އަލީ ހުޒާމެވެ. ޤައުމީ ޓީމްގެ 3 ކުޅުންތެރިންނާއެކު ކުޅުނު ޑަބްލިޔު މޯލްޑިވްސްއިން ފުރަތަމަ ދެ ސެޓް މާ ބޮޑު އުނދަގުލެއް ނެތި ކާމިޔާބުކުރި ނަމަވެސް ތިންވަނަ ސެޓްގައި ވިލަމެންދޫން ރަނގަޅު ލީޑެއްވެސް ނެގިއެވެ. ނަމަވެސް އަލީ ހުޒާމާއާއި، މުޙައްމަދު ޝާއިންގެ އެޓޭކްތަކުން ޑަބްލިޔު މޯލްޑިވްސް ވަނީ ފަހު ވަހުވަގުތު ކުރި ހޯދާފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އަލީ ހުޒާމެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކީ ޝާއިންއެވެ. ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކީ ވިލަމެންދޫގެ މުއައްވަޒު އަބުދުﷲއެވެ. ބެސްޓް މިޑްލް ޕްލޭޔަރަކީ އެޓީމްގެ ހުސެއިން ޝަަޒްލީންއެވެ. ސެކަންޑް ބެސްޓް މިޑްލް ޕްލޭޔަރަކީ ޑަބްލިޔު މޯލްޑިވްސްގެ ހަސަން ޒަރީރެވެ. އެންމެ މޮޅު ސެޓަރަކީ ވިލަމެންދޫގެ މަމްދޫހު އަބުދުއްރަހީމެވެ. ބެސްޓް އޮޕޮސިޓް ޕްލޭޔަރަކީ ޑަބްލިޔު މޯލްޑިވްސްގެ އަބުދުލްހަމީދު އަހުމަދެވެ. އެންމެ މޮޅު ލިބަރޯއަކީ ޑަބްލިޔު މޯލްޑިވްސްއަށް ކުޅުނު ޤައުމީ ޓީމްގެ ލިބަރޯ ޖަވާމް އަލީއެވެ. އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ޓީމްގެ މުޙައްމަދު ޝިހާމްއެވެ.

މިމެޗާއެކު އިންޓަރ ރިސޯރޓް ޗެމްޕިއަންސްލީގުގައި ވާދަކުރާނެ ޓީމްތައްވެސް ވަނީ ކަށަވަރުވެފައެވެ.

ފުރަތަމަ މެޗު: ބަނޑޮސް މޯލްޑިވްސް / ޖުމެއިރާ ވިޓަވެލި ( 14 ޖުލައި 2018 )
ދެވަނަ މެޗު: ޑަބްލިޔު މޯލްޑިވްސް / ވަން އެންޑް އޮންލީ ރީތިރަށް ( 14 ޖުލައި 2018 )
ތިންވަނަ މެޗު: ގްރޭންޑް ޕާރކް ކޮއްދިއްޕަރު / ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް ( 15 ޖުލައި 2018 )
ހަތަރު ވަނަ މެޗު: ސޮނޭވާފުށި / ޝެރަޓަން މޯލްޑިވްސް ( 15 ޖުލައި 2018 )