ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ސިޔާސަތުތަކައް ބަލާއިރު، އިޤްތިސާދީ ސިޔާސަތު އެންމެ ރަނގަޅީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ސިޔާސަތު ކަމަށް ދިވެހި ވިޔަފާރިންގެ ޤައުމީ ޖަމިއްޔާއިން ބުނެފި އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްވަމުން އެޖަމިއްޔާގެ ނާއިބް ރައީސް އިސްމާޢީލް އާސިފް ވިދާޅުވީ، އިޤްތިޞާދީ ސިޔާސަތުތައް އެންމެ ރަނގަޅީ ވެރިކަން ކުރާ ޕާޓީގައި ކަން ދެނެގަތީ އެޕާޓީގެ ސިޔާސަތުތައް ބައްޓަން ކޮށްފައިވާ ގޮތާއި އިޤްތިސާދީ ގޮތުން ކޮށްފައި ހުންނަ މަސައްކަތްތަކާއި، ދައްކަވާފައިވާ ވާހަކަތަކާއި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ކިހާ ވަރަކަށް ކަމާއި، އަދި އެ މަޝްރޫއުތަކުން ވިޔަފާރިވެރިންނަށް ފައިދާ ވަނީ ކިހާވަރަކަށްތޯ ބެލުމަށް ފަހު ކަމަށެވެ.
އާސިފް ވިދާޅުވީ، އިދިކޮޅު ބައެއް ފަރާތްތަކުން ވެރިކަމަށް އަތުވެއްޖެނަމަ، ބައެއް ޤައުމުތަކުން ވިޔަފާރި ނުކުރާނެވާހަކަ މިހާރުވެސް ދައްކަމުން ގެންދާކަމަށާއި، ނަމަވެސް މިއީ މިކަން ވެގެންވާނެ ގޮތެއް ނޫންކަމަށެވެ. އަދި އިޤްތިސާދީ ގޮތުން ކުރިއަރައިގެންދާން ބޭނުންވާނަމަ ހުރިހާ ޤައުމަކާ ގުޅުން ބަދަހިކޮށް އެ ޤައުމަކާ ވިޔަފާރީގެ ގުޅުން އޮންނަން ވާނެކަމަށާއި، ޕީޕީއެމްގެ އިޤްތިސާދީ ސިޔާސަތަކީ އެއީކަމަށެވެ.
ޕީޕީއެމްގެ އިޤްތިޞާދީ ސިޔާސަތުތަކަށް ތާއިދު ކުރައްވައި ވާހަކަ ދައްކަވަމުން އާސިފް ވަނީ އިދިކޮޅުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"ރާއްޖޭގައި އިދިކޮޅު ފަރާތްތަކޭ ކިޔައިގެން މިއުޅޭ މީހުން ރާއްޖެއަށް ފިޔަވަޅު އެޅުމާއި، ރާއްޖެ ބޮއިކޮޓް ކުރުމާއި، ރާއްޖެއަަށް ގެއްލުން ހުރި ކަމެއް ފިޔަވާ އިތުރު އެއްވެސް ކަމެއް މިމީހުންނަކަށް މިހާތަކަށް ކުރެވިފަ ނޫނީ ކުރަން އުޅޭތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. މިސާލަކަށް ރާއްޖެއަށް ޓޫރިސްޓުން ގެންނަން މިމީހުން ކުރީ ކީއްހޭ. ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީއަކީ ޓޫރިޒަމް. ބާކީ ހުރި ހުރިހާ އިންޑަސްޓްރީތައް ގުޅިފައިހުރީ ޓޫރިޒަންއާ. އެހެންވިއްޔާ ޓޫރިސްޓުން ރާއްޖެއަށް ގެންނަން މީގެން އެއްވެސް މީހަކު މިހާތަނަށް ކުރި ކަމެއް ނެތް. ހަމަކޮންމެ ފަހަރަކު ކިރިޔާ ކަމެއް ޖެހޭއިރަށް ރާއްޖެ ބޮއިކޮޓްކުރަން ނޫނިއްޔާ އަނެއްކަމެއް ކުރަން މި ގޮވާލަނީ. އަޅުގަނޑުމެން އަބަދުވެސް ދެކޮޅަށް ވަކާލާތު ކުރާ ކަންތައްތަކަކީ މިއީ،" ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ނާއިބް ރައީސް އިސްމާއިލް އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ، ސިޔާސީ މީހުންނާއި ވިޔަފާވެރިންނަކީ ވަކިވެފައިވާ ދެ ބަޔަކަށް ވާންޖެހޭކަމަށެވެ. އަދި ވިޔަފާރިވެރިޔަކު ސިޔާސީ ވެއްޖެނަމަ އެއީ އެހެން ވިޔަފާރިވެރިންނަށް ވެވޭ ބޭއިންސާފެއްކަމަށް އެނާ ވިދާޅުވިއެވެ.