މިދިޔަ އަހަރު އޯލެވެލް އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ދިހައެއްގައި 375 ދަރިވަރަކު ހިމެނިއްޖެއެވެ. މީގެތެރެއިން 8 މާއްދާއިން އޭ ސްޓަރ ހޯދައިގެން އެއްވަނަ 6 ދަރިވަރަކު ހޯދިއިރު، 35 ދަރިވަރުން ވަނީ ދުނިޔޭގެ އެންމެ މޮޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ
2017 އަހަރު ޘާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި، ވަކިވަކި މާއްދާތަކުން ވަނަތައް ޙާސިލްކުރި ދަރިވަރުންނާއި، ދުނިޔޭގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނެނު ދަރިވަރުންނަށް ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުން ދީފައެވެ. އެ ދަރިވަރުންނަށް އެވޯޑު ޙަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިޙާމާއި ދަޢުލަތުގެ ވަޒީރުންނެވެ.
2017 ވަނަ އަހަރު 196 ސްކޫލަކުން 5467 ދަރިވަރުން ޘާނަވީ އިމްތިހާނު ހަދާފައިވެއެވެ. މީގެ ތެރެއިން 375 ދަރިވަރަކު ވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އަދި 8 މާއްދާއިން އޭ ސްޓަރ ހޯދައިގެން އެއްވަނަ 6 ދަރިވަރަކު ހޯދާފައިވާއިރު، 35 ދަރިވަރުން ވަނީ ދުނިޔޭގެ އެންމެ މޮޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ.
ޘާނަވީ ނިންމާ އިމްތިޙާނުތަކުން ދަރިވަރުން ފާސްކުރުމުގެ ޤައުމީ މިންގަނޑެއްގެ ގޮތުގައި މިހާތަނަނަށް ބެލާފައިވަނީ 5 މާއްދާއިން 60 އިންސައްތަ ދަރިވަރުން ފާސްކުރުމެވެ. 2017 ވަނަ އަހަރު 77 އިންސައްތަ ދަރިވަރުން 5 މާއްދާއިން ފާސްވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ސަރުކާރުން ތަޢުލީމީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ ނަތީޖާ ފެންނަނަމުން ދާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އެއްވެސް ކުއްޖަކު ބާކީނުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ފާއިތުވި ހަތަރު އަހަރު ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ، ރާއްޖޭގެ ސްކޫލްތަކުން ކިޔެވުން ނިންމާ ކޮންމެ 10 ދަރިވަރުންގެ ތެރެއިން ގާތްގަނޑަކަށް 8 ދަރިވަރުންނަކީ މަދުވެގެން 5 ފާހާއެކު ކާމިޔާބުކަމާއެކު ސްކޫލް ނިންމާ ދަރިވަރުންނަށް ވުމާއި، ޘާނަވީ ސްކޫލް ނިންމާ ކޮންމެ 10 ކުދިންގެ ތެރެއިން 9 ކުދިންނަށްވުރެ ގިނަ ދަރިވަރުންނަކީ މަދުވެގެން 3 ފާހާއެކު ދެންއޮތް ތަޢުލީމުގެ މަރުޙަލާއަށް ދެވޭނެކަން ކަށަވަރުވެފައިވާ ދަރިވަރުންނަށް ވެގެންދިއުން ކަމަށެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި، ކުރިން ތަޢުލީމީ ގޮތުން ކާމިޔާނުވާނެ ކަމަށް ބަލައި ސްކޫލްތަކުން އުއްމީދު ކަނޑާލާފައިވާ އެތައްހާސް ކުދިންނަށް ޚާއްޞަކޮށްގެން ހިންގާ ދަސްވާރާއި ބީޓެކް ޕްރޮގްރާމްގެ ތެރެއިން ކާމިޔާބު ހޯދައިދެވެއްޖި ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ބީޓެކް ހެދި ދަރިވަރުންގެ ތެރެއިން 3 ދަރިވަރަކު ގަދަ 10 ހިމެނިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
''އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލަކީ މިމަތީ މިންގަނޑުތަކާ އެކުވެސް ފުރަތަމަ ފަހަރަށް ބީޓެކް ހެދި ދަރިވަރުންގެ ތެރެއިން 3 ދަރިވަރަކު ގަދަ 10 ދަރަޖަ ޙާސިލްކުރުން. މިދަރުވަރުން މިވަނީ އަމަލީ ދާއިރާއިން ކިޔެވުމަކީ އެންމެ މަތީ ބޮންތިއަށް ދިއުމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީ، ސްކޫލް މަންހަޖަށް އަލަށް ތަޢާރަފްކުރުރެވުނު ބީޓެކް ޕްރޮގްރާމަށް އިހުނަށްވުރެ ބޮޑަށް އިތުބާރު ހޯދައިދީފައި. މިފަހަރު އެޑެކްސެލް ބީޓެކް ކޯސް ފުރިހަމަކުރި 900 އެތައް ދަރިވަރުންގެ ތެރެއިން 113 ދަރިވަރަކު އެކޯސްތަކުން މިވަނީ ޑިސްޓިންކްޝަން ސްޓާރ އަދި ޑިސްޓިންކްޝަން ހޯދާފައި. އަދި މީގެ ތެރެއިން 43 ދަރިވަރަކު އެދަރިވަރުން ފުރިހަމަ ކުރި މި ޕްރޮގްރާމް ސައްތައިން ސައްތަ ފުރިހަމަ ނަތީޖާ ހާސިލްކޮށް 1 ވަނަ ހޯދާފައިވޭ. ދަރިވަރުންގެ ޚާއްޞަ މިކާމިޔާބީތަކަށް ފަޚްރުވެރިކަމާއެކު ތަޙުނިޔާ ކިޔަން'' އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިމަސައްކަތްތަކުގެ ކާމިޔާބީގެ ސިއްރަކީ ދިމާވާ ހުރަސްތައް ރަނގަޅަށް ސާފުކޮށް، ދެނެގަނެ އަދި މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތެއްގެ އަޑުއަހާ ޚިޔާލު ހޯދާ މަޝްވަރާ ލިބިގަނެ އެގޮތުގެ މަތިން ސިޔާސަތުތައް ބައްޓަން ކުރުންކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، 2017 ވަނަ އަހަރު ޘާނަވީ އިމްތިޙާނުގައި ބައިވެރިވި ކުދިންގެ ތެރެއިން 92.8 އިންސައްތަ ދަރިވަރުންނަކީ މަތީޘާނަވީ ނުވަތަ މަތީތަޢުލީމަށް ދިއުމަށް މަގުފަހިވެފައިވާ ދަރިވަރުން ކަމަށެވެ. މިއީ 2013 ވަނަ އަހަރާ އަޅާބަލާއިރު 33.9 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.