ކުޅިވަރު

ފޯކައިދޫ އަތުން ނިއުއަށް އުނދަގޫ މޮޅެއް!


ފޯކައިދޫ އަތުން އުނދަގޫ މޮޅެއް ހޯދައި ނިއުރޭޑިއަންޓް ލީގަށް ކުރާ އުއްމީދު ދަމަހައްޓައިފިއެވެ.

ދިރާގު ދިވެހި ލީގުގައި ރޭ ށ.ފޯކައިދޫ އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރި ކުރި މެޗު ނިއު ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މިމެޗުގެ ހަމަ އެކަނި ލަނޑު މެޗުގެ ފަންސަވީސް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިއުރޭޑިއަންޓްގެ ކެޕްޓަން އަލީ ފާސިރު(ސެންޓޭ)އެވެ.

ދެޓީމުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި މިމެޗުގައި އަލީ ފާސިރުއަށް ވަނީ އިތުރު ލަނޑެތަކެއް ޖަހާނެ ގިނަ ފުރުސަތުތަކެއްވެސް ލިބިގެންގޮސްފައި. މިގޮތުން ކީޕަރާ ވަންއޮން ވަންކޮށް ލިބުނު އިތުރު ދެފުރުސަތެއް ވަނީ ބޭނުން ހިފޭގޮތް ނުވެފައި.

ށ.ފޯކައިދޫ ޓީމުންވެސް ވަނީ ދެވަނަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ހޯދާފައެވެ.

މެޗަށްފަހު ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބްރޫޒޮން ބުނީ މިމެޗަށް ސީރިއަސްކޮށް ނިކުތީ ފޯކައިދޫ ޓީމުކަމަށެވެ. އޭނާގެ ޓީމަށް މެޗު ފަސޭހަކޮށްލެވުނީ ކަމަށާއި ޓީމުން ދެއްކި ކުޅުމާމެދު އެއްވެސް ގޮތަކަށް ހިތްހަމަ ނުޖެހޭކަމަށެވެ. އެހެންނަމަވެސް އެންމެ މުހިއްމު އެއްޗަކީ ތިން ޕޮއިންޓް ކަމަށާއި މެޗުން މޮޅުވެ އެކަން ހާސިލްވި ކަމަށްވެސް ކޯޗު ބުންޏެވެ.

"މިއަދު އަހަރުމެންނަށްވުރެ ބޮޑަށް ސީރަސްކޮށް ފެނުނީ ފޯކައިދޫ ޓީމުން. އެމީހުން މާބޮޑަށް މަސައްކަތް ކުރި. އަހަރުމެންނަށް ތަންކޮޅެއް ފަސޭހަ ކޮށްލެވުނީ. ފޯކައިދޫ ޓީމުން މޮޅަށް ކުޅުނު. އެހެންނަމަވެސް ތިން ޕޮއިންޓް ލިބި މެޗުން މޮޅުވުމުން ހިތްހަމަ ޖެހޭ." އޮސްކާ ބުންޏެވެ.

ށ.ފޯކައިދޫ ޓީމުގެ ކޯޗު އަލީ ނިޝްތާރު މުހައްމަދު ބުނީ އޭނާގެ ޓީމުން މެޗުގައި ވަރަށް ރަނގަޅަށް ކުޅުނު ކަމަށް. އަދި މެޗަށްފަހު ނިއުރޭޑިއަންޓްގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކުންވެސް އެޓީމަށް ކުރިމަތިވި ޕްރެޝަރާއި އޭނާގެ ޓީމުން މެޗުގައި ކުޅުނު ކުޅުން އެނގިގެންދިޔަ ކަމަށެވެ.

"ހަމަގައިމުވެސް މިއަދު މެޗު ލަސްކުރާތީ މައްސަލައެއް ނުޖައްސާނެ. އަހަރުމެންގެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު. ނިއުރޭޑިއަންޓް ސަޕޯޓަރުންގެ އަމަލުތަކުންވެސް އެޓީމަށް ކުރިމަތިވި ޕްރެޝަރު ވަރަށް ރަނގަޅަށް އެނގިގެންދިޔަ." ނިޝްތާރު ބުންޏެވެ.