ހަތް ރިސޯޓެއްގައި ވޯޓް ފޮށ ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ރަގަޅު ނޫންކަމަށާއި އެ ނިންމުން ޤަބޫލު ނުކުރާކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަމައެކަނި 7 ރިސޯޓެއް ގައި ވޯޓް ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ އެންމެ ރަގަޅު ނިންމުމެއް ނޫންކަމަށެވެ. އަދި އެ ނިންމުން ޕީޕީއެމުން ޤަބޫލު ނުކުރާކަމަށާއި އެ ނިންމުން ބަދަލުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާކަމަށްވެސް އަބްދުއްރަހީމް ކުރެއްވި ޓްވީޓްގައިވެއެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަދުވަހު ބާއްވާ ރީޔާސީ އިންތިހާބުގައި އެންމެ ހަތް ރިސޯޓެއްގައި ވޯޓް ފޮށި ބަހައްޓަން ނިންމުމުން ގިނަ ބަޔަކު ވޯޓްލުމުގެ ހައްޤު ގެއްލިގެންދާނެކަމަށް ބުނެ ގިނަ ބަޔަކު ދަނީ އިލެކްޝަންސް ކޮމިޝަނަށް ފާޑުކިޔަމުންނެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުންވެސް ވަނީ އެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ.
އަންނަ ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ވޯޓް ފޮށި ބަހައްޓަން ނިންމާފައިވަނީ ސަން އައިލެންޑް ރިސޯޓާއި ބަނޑޮހާއި ޕެރެޑައިސް އާއި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް އާއި ކުރަމަތި އައިލެންޑް ރިސޯޓާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ އިތުރުން އިރުފުށި މޯލްޑިވްސްގައެވެ. އަންނަ ރިޔާސީ އިންތިހާބުގައި 452 ވޯޓް ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.