ކުޅިވަރު

ހަޒާޑާއި ކޯޓުއާގެ ކުރިމަގު އޮތީ ބޯޑުގެ އަތްމަތީގައި: ޗެލްސީ ކޯޗު


ބެލްޖިއަމްގެ ދެ ކުޅުންތެރިން ކަމަށްވާ އެޑެން ހަޒާޑާއި ކީޕަރު ތިބައޫ ކޯޓުއާގެ ކުރިމަގު އޮތީ ޗެލްސީގެ ބޯޑުގެ އަތްމަތީގައި ކަމަށް އެ ޓީމުގެ ކޯޗުކަމާ ހަވާލުވި މައުރީރިއޯ ސަރީ ބުނެފި އެވެ.

"އަހަންނަކީ ޓްރާންސްފާގެ ވާހަކަ ދައްކަން އެހާ ޝައުގުވެރިވާ މީހެއްނޫން. އެ ދެ ކުޅުންތެރިންގެ ކަންތައްތައް ނިންމާނީ ބޯޑުން. އެއީ އަހަންނާ ބެހޭ ކަމެއްނޫން،" އިޓަލީގެ ނަޕޯލީގެ ކުރީގެ ކޯޗު ބުންޏެވެ.

ހަޒާޑާއި ކޯޓުއާ ގަތުމަށް މަސައްކަރް ކުރަނީ ސްޕޭނުގެ ރެއާލް މެޑްރިޑުންނެވެ. އަދި ހަޒާޑަށް ރެއާލްއާ ވާދަވެރި ސްޕޭނުގެ ބާސެލޯނާ ވެސް ޝައުގުވެރިވެއެވެ. ވަރލްޑް ކަޕުގެ ތިން ވަނަ ބެލްޖިއަމަށް ހޯދައިދިން މެޗަށް ފަހު އޭނާ ބުނީ ދާނީ ރެއާލް މެޑްރިޑަށް ކަމަށާއި، އެކަމަކު އެއީ ޗެލްސީން ބޭނުން ނުވެއްޖެނަމަ ކަމަށެވެ.
ސަރީ ބުނީ މިވަގުތު ޗުއްޓީގައި ހުރި ހަޒާޑާ އޭނާ އަދި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ.

"ފޯނުން އޭނާއާ ވާހަކަ ދެއްކުމަކީ މިވަގުތު އަހަރެން އެހާ ބޭނުންވާ ކަމެއްނޫން. އަހަރެން އެދެނީ ދެމީހުން ފެނިގެންތިބެ ވާހަކަ ދައްކަން. އަހަރެން ވެސް ބޭނުން ޓީމުގެ ހުރިހާ ސީނިއާ ކުޅުންތެރިން ޓީމުގައި މަޑުކުރަން،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ޗެލްސީގެ ކޯޗުކަމަ ހާވަލުވީ މިއީ އުނދަގޫ މަޤާމެއްކަން އެނގިހުރެ ކަމަށެވެ.

"ދުނިޔޭގެ އެންމެ މޮޅު ކޯޗުން މިތިބީ ޕްރެމިއާ ލީގުގައި. މިއީ ފަސޭހަ ޖޮބެއްނޫން. އެކަމަކު މިއީ ވަރަށް ޝައުގުވެރިކުރުވަނިވި ޖޮބެއް. މި ވަޒީފާ އެއްގޮތަކަށް ވެސް ފަސޭހަނުވާނެ. އަހަންނާ ޗެލްސީން ހަވާލުކޮށްފައި އޮތީ ވާދަވެރި ޓީމެއް އުފައްދަން،" ކޯޗު ބުންޏެވެ.