ކުޅިވަރު

ރެކޯޑް އަގަކަށް ބްރެޒިލް ކީޕަރު އަލިސަން ލިވަޕޫލަށް


ދުނިޔޭގެ ރެކޯޑް އަގަކަށް އިޓަލީގެ ރޯމާ އަށް ކުޅޭ ބްރެޒިލަ ކީޕަރު އަލިސަން ރަމްސެސް ބެކާ ބެކާ ލިވަޕޫލަށް ގެންގޮސްފިއެވެ.

ފަންސަވީސް އަހަރުގެ އިސްކޮޅުން ދިގު ޒުވާން ކީޕަރު ގަތުމަށް ލިވަޕޫލުން ހޭދަކުރި 75 މިލިއަން ޔޫރޯ އަކީ ކީޕަރަކު ގަތުމަށް މިހާތަނަށް ކުލަބަކުން ކުރި އެންމެ ބޮޑު ހޭދަ އެވެ. މީގެ ކުރިން އެންމެ އަގުބޮޑުކޮށް ކުލަބު ބަދަލު ކުރީ މެންޗެސްޓާ ސިޓީގެ ބްރެޒިލް ކީޕަރު އެޑަސަން އެވެ. ސިޓީން އޭނާ ގަތީ ބެންފީކާއަށް 40 މިލިއަން ޕައުންޑްދީފަ އެވެ.
އަލިސަން އާއި އެޑަސަން އަކީ ނިމިދިޔަ ވަރލްޑް ކަޕަށް ދިޔަ ބްރެޒިލް ޓީމުގެ އެންމެ އިސް ދެ ކީޕަރުންނެވެ. ކުއާޓާ ފައިނަލުން މުބާރާތުން ކެޓި ޓީމުގެ އެއްވަނަ ކީޕަރުކަން ކުރީ އަލިސަން އެވެ.
ލިވަޕޫލްގައި މިހާރު ވެސް ފާހަގަކޮށްލެވޭ ތިން ކީޕަރުން އެބަތިއްބެވެ. އެއީ ބެލްޖިއަމްގެ ރިޒާވް ކީޕަރު ސިމޯން މިގްނޮލެޓާއި، ޖަރުމަނުގެ ޒުވާން ކީޕަރު ލޮރިސް ކާރިއަސް އާއި އަރަމުންއަންނަ ކީޕަރު ޑެނީ ވާޑެވެ. ނަމަވެސް ކޯޗު ޔާގެން ކްލޮޕް އާ ކީޕަރަކު މިހޯދީ މިހުރިހާ ކީޕަރުންނަށް އޭނާ އެދޭ ފެންވަރުގެ މޮޅު ކުޅުމެއް ނުދެއްކޭތީއެވެ. އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ލިވަޕޫލް ބަލިވި އެންމެ މުހިންމު އެއް ސަބަބަކީ ވެސް ކީޕަރު ކާރިއަސް ހެދި ބޮޑެތި މިސްޓޭކްތަކެވެ.

އަލިސަން ގަތުމަށް ލިވަޕޫލުން މަސައްކަތްކުރާތާ ވަރަށް ދުވަސްވެއްޖެއެވެ. އޭނާ ލިވަޕޫލަށް މިގަތީ ޗެލްސީން ވެސް އެކަމަށް މަސައްކަތް ފަށާފައިވަނިކޮށެވެ.