އިނގިރޭސިންގެ އަތުން ރާއްޖެއަށް މިނިވަންކަން ލިބުނުތާ ފަންސާސް އަހަރު ފުރުން ކުލަގަދަ ކޮށް ފާހަގަކުރުމަށްޓަކައި ހިންގަވާ ހަރަކާތްތައް ކަނޑައެޅުއްވުމަށްޓަކައި ޚާއްސަ ފޯރަމްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބިލް ކުލަގަދަކޮށް ފާހަގަ ކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ހުރިހާ ރައްޔިތުންގެވެސް ޚިޔާލާ މަޝްވަރާއާ އެކުގައި ކަމަށާ، މިނިވަން ފަންސާސް ފާހަގަ ކުރުމުގައި ހުރިހާ ދިވެހި ރައްޔިތުން ބައިވެރި ކުރަން ސަރުކާރުން ބޭނުންވާކަމަށެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ މިނިވަން 50 ފާހަގަ ކުރުމަށް ޓަކައި ކުރިއަށްގެންދާނެ ހަރަކާތް ތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް އަންނަ ހަފުތާގައި ބާއްވާ ފޯރަމްގައި ހުރިހާ ފަރާތްތަކަށްވެސް ރަސްމީކޮށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ހުސެއިން ޝަރީފް ވިދާޅުވީ މިނިވަން 50 ފާހަގަ ކުރުމުގެ ހަރަކާތްތައް މުޅިއަހަރަށް ދެމިގެންދާނެ ކަމަށާއި، މި ދުވަސް ފާހަގަ ކުރުމަށް މުޅިއަހަރަށް ބަހާލައިގެން އަވަށްޓެރި ބައެއް ޤައުމު ތަކުގެ އިސްވެރިން ރާއްޖެއަށް ޒިއާރަތްކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި މިދުވަސް އެންމެ ކުލަގަދަކޮށް ފާހަގަ ކުރުމަށް ސަރުކާރުން ބޭނުންވާކަމަށް ރައީސް އޮފީހުގެ މިނިސްޓަރ ވިދާޅުވިއެވެ.