ރާއްޖެއިން ބޭރަށް ފަރުވާ ހޯދަންދާ ބަލިމީހުންނާއި އެހީތެރިންނަށް އާސަންދައިގެ ދަށުން ޓިކެޓް ދޭ އުސޫލަށް ބަދަލުގެނެސް، އަހަރަކު ގިނަވެގެން ހަތަރު ޓިކެޓް ދޭގޮތަށް ހަމަޖައްސައިފިއެވެ.
އާސަންދައިން މިބަދަލުގެނެސްފައި މިވަނީ އާސަންދައިގެ ޚަރަދު ވަރަށް ބޮޑަށް މައްޗަށް ދިޔުމާ ގުޅިގެން ކަމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ. އެގޮތުން ނިމިގެން ދިޔަ 2013 ވަނަ އަހަރު އާސަންދައަށް މުޅިޖުމްލަ ހަތްސަތޭކަ ފަސްދޮޅަސް ދެ މިލިއަން ރުފިޔާގެ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ފަސްސަތޭކަ އެއް މިލިއަން ރުފިޔާ ވަނީ އަރާފައެވެ.
އެމްބީސީ ނިއުސްއަށް މަޢުލޫމާތުދެއްވަމުން އާސަންދައިގެ މެޑިކަލް ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށްދާ ބަލިމީހުންނަށް، އާސަންދައިގެ ދަށުން ކުރިއަށްއޮތްތާގައި ޓިކެޓް ދޫކުރެވޭނީ އަހަރަކު ގިނަވެގެން ހަތަރު ޓިކެޓް ކަމަށާ، އެހީތެރިޔާއަށް ޓިކެޓް ދެވޭނީ ބޭސްފަރުވާކުރުމަށްދާ ފުރަތަމަ ފަހަރު އެކަނިކަމަށެވެ.
އެހެންނަމަވެސް 18 އަހަރުން ދަށުގެ ކުޑަކުދިންނާއި، ސްޓްރެޗަރގައި ގެންދަންޖެހޭ ބަލިމީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ފަސްދޮޅަސްފަސް އަހަރުން މަތީގެ މީހުންގެ އެހީތެރިން ނަށް ހަތަރު ފަހަރުވެސް ޓިކެޓް ދެވޭނެކަމަށް ޒީނިޔާ ވިދާޅުވިއެވެ.
ބަލިހާލަތުހުރިގޮތުން މިއަހަރުގެ މިހާތަނަށްވެސް ހަތަރު ފަހަރަށް ވުރެ ގިނަ ފަހަރު ރާއްޖެއިން ބޭރުން އާސަންދައިން ފަރުވާ ހޯދުމަށްގޮސްފަތިބި ފަރާތްތަކަށްވެސް މިއަހަރުގެ ނިޔަލަށް ހަތަރު ޓިކެޓް ލިބޭނެކަމަށް ޒީނިޔާ ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ތެރެއިން ބަލިހާލަތު ރަގަޅުވުމުގެ އެއްވެސް ނިޝާނެއް ނުފެންނަ ބަލިމީހުން، އާސަންދައިގެ ދަށުން އަނބުރާ ރާއްޖެއަށް ގެނެސްދިނުމަށް މިހާރު ވަނި ނިންމާފައެވެ.
ޒީނިޔާ ވިދާޅުވީ އައިޖީއެމްއެޗްގައިވެސް ތިބޭ އެފަދަ ބަލިމީހުންތައް ރަށަށް ނޫނީ ރަށުގައި ހުންނަ ސިއްޚީ ޚިދުމަތްދޭތަނަކަށް ބަދަލުކުރެވޭނެ އިންތިޒާމުވެސް މިހާރު ހަމަޖައްސާފައިވާކަމަށެވެ.
މީގެ އިތުރުން އާސަންދައިގެ ދަށުން ކިޑްނީ ޓްރާންސްޕްލާން އަދި އެހެނިހެން މަސްނޫއީ އާލަތްތައް ހަށިގަނޑަށް ލައްވައިގެން ދެވޭ ފަރުވާއާއި ޑޯނަރގެ ސްކްރީނިންގ އާއި ހުރިހާ ޚިދުމަތެއް އާސަންދައިން ދެވޭނެކަމަށް ޒީނިޔާ ވިދާޅުވިއެވެ.
އާސަންދައިގެ ޚަރަދުކުޑަކުރުމުގެ ގޮތުން ރާއްޖެއިން ބޭރުން އާސަންދައިން ޚިދުމަތް ދެމުން އަންނަނީ ހޮސްޕިޓަލްތަކާއެކު އާސަންދައިން ހަދާފައިވާ ޕެކޭޖްތަކެއްގެ ދަށުންނެވެ.