ކަނޑުގެ ދިރާސާތައްކުރުމަށް ޚާއްސަ މެރިން ރިސަރޗް ހަބަކަށް ރާއްޖެ ހެދުމުގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޝައިނީ މިހެން ވިދާޅުވީ މިއަދު ފެށި އެންވަރަމެންޓް ރިސަރޗް ސިމްޕޯޒިއަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި ބާއްވާ ކަނޑުގެ ދިރާސާތަކަށް ޚާއްސަ މެރިން ރިސަރޗް ސިމްޕޯޒިއަމް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުޙައްމަދު ޝައިނީ ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުން ލިބެންހުރި ގުދުރަތީ ވަޞީލަތްތައް ގިނަކަމީ ކަނޑުގެ ދިރާސާ ހަބަކަށް ރާއްޖެ ހެދުމަށް އޮތް އެންމެ ބޮޑު ފުރުސަތުކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މި ފަހަރުގެ ސިމްޕޯޒިއަމްގައި ބައިވެރިވާ ބޭރުގެ ފަރާތްތަކާއި ރިސޯޓުތަކުގެ މެރިން ބަޔޮލޮޖިސްޓުން އިތުރުވެފައިވުމަކީ ރާއްޖޭގެ ފަތުރުވެރިކަމާ، ތިމާވެށި ޙިމާޔަތްކުރަން ކުރާ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށެވެ.
މިނިސްޓަރ ޝައިނީ ވިދާޅުވީ މެރިން ރިސަރޗް ހަބަކަށް ރާއްޖެ ހެދުމަށް ކުރަމުންދަ މަސައްކަތުގެ ތެރެއިން މިހާރުވެސް ބައެއް ބާވަތްތަކުގެ މަސް އުޅޭ ގޮތް ބެލުމަށް ޚާއްސަ ޑިވައިސްތައް ބޭނުންކޮށްގެން ދިރާސާތައް ކުރަމުންދާކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ ފަރުތައް ބަލަހައްޓާ ދިރާސާކުރުމަށް ހާއްސަ ޕްލޭނެއް މި ސިމްޕޯޒިއަމްގެ ތެރެއިން އެކުލަވާލުމަށްވެސް މިނިސްޓަރ ޝައިނީ ވަނީ ސިމްޕޯޒިއަމްގެ ބައިވެރިން ކިބައިން އެދިވަޑައިގެންނެވިއެވެ.
މެރިން ރިސަރޗް ސެންޓަރާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ގުޅިގެން އެއްދުވަހަށް ކުރިޔަށްގެންދާ މި ސިމްޕޯޒިއަމްގައި ކަނޑުގެ އެކި ދިރާސާތަކާ ގުޅޭގޮތުން ތަފާތު ވިހި ޕްރެޒެންޓޭޝަނާއި ފަނަރަ ޕޯސްޓަރ ޕްރެޒެންޓޭޝަން ހުށަޢެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ސިމްޕޯޒިއަމްގައި މެރިން ރިސާރޗްގައި މަސައްކަތްކުރާ ފަރާތްތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި މެރިން ރިސާރޗް ކިޔަވަމުންދާ ދަރިވަރުންނާއި ރިސޯޓުތަކުގެ މެރިން ބަޔޮލޮޖިސްޓުންގެ އިތުރުން މެރިން ދިރާސާތައް އަމިއްލައަށް ކުރާ ފަރާތްތަކުން ބައިވެރިވެއެވެ.
މި ސިމްޕޯޒިއަމްގައި ރާއްޖޭގެ ފަރުތަކާއި ކަނޑުގެ ދިރުންތަކަށް ދިމާވެފައިވާ އެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް ކަރުދާސް ހުށައެޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މުރަކަ ހުދުވުމާ، މޫސުމަށް އަންނަމުންދަ ބަދަލުތަކާއި ގުޅިގެން ކަނޑުގެ ދިރުންތަކަށް އަންނަ ބަދަލާއި ރާއްޖެ ބަޔޮސްފެއަރ ރިސާވަކަށް ހެދުމަށް ކުރަމުންދާ ދިރާސާތައް ހިމެނެއެވެ.
މިސިމްޕޯޒިއަމް އާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މެރިން ރިސަރޗް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޑރ.މުޙައްމަދު ޝިހާމް އާދަމް ވިދާޅުވީ މިފަދަ ސިމްޕޯޒިއަމްތަކުގެ އަމާޒަކީ ދިވެހި ކިޔަވާ ކުދިން މިދާއިރާއަށް ޝައުގުވެރިކުރުވުންކަމަށެވެ.
މިއީ ކަނޑުގެ ދިރާސާތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ މެރިން ރިސާރޗް ދެވަނަ ސިމްޕޯޒިއަމްއެވެ. މި ސިމްޕޯޒިއަމް ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު.