ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަޤާމަށް ފްރާންސްގެ ކުރީގެ ދެ ތަރިން ކަމަށްވާ ޒައިނުއްދީން ޒިދާނާއި ޑިޑިއޭ ޑެޝޯން ވާދަކުރަން ފަށައިފިއެވެ.
ފީފާއިން އިއުލާނުކުރި ގަދަ 10 ކޯޗުންގެ ލިސްޓުގައި ހިމެނޭ މި ދެ މީހުންނަކީ 1998 ވަނަ އަހަރުގެ ވަރލްޑް ކަޕް ކާމިޔާބުކުރި ފްރާންސްގެ ޓީމުގެ މުހިންމު ދެ ކުޅުންތެރިންނެވެ. ޑެޝޯން އަކީ އޭރުގެ ކެޕްޓަނެވެ. ފްރާންސް ތަށި ހޯދީ ފައިނަލް މެޗުގައި ބްރެޒިލްކޮޅަށް ޒިދާން ޖެހި ދެ ގޯލުންނެވެ.
ހުސްވި ސީޒަނުގައި ޒިދާން ހުރީ ރެއާލް މެޑްރިޑުގައެވެ. އޭނާ ކޯޗުކަން ދޫކޮށްލީ ރެއާލް އަށް ޖެހިޖެހިގެން ތިން ވަނަ އަހަރަކު ޗެމްޕިއަންސް ލީގު ހޯދާދީފައެވެ. ޑެޝޯން ވަނީ ރަޝިޔާގައި މިމަހު ނިމުނު ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދީފައެވެ.
މި ދެ ކޯޗުންގެ އިތުރުން މޮޅު ކޯޗުގެ މަޤާމަށް ދެން ވާދަކުރަނީ ޔުވެންޓަސްގެ ކޯޗު މަސިމިލާނޯ އަލެގްރީ އާއި ވަރލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ރަޝިޔާ ގެންގޮސްދިން ކޯޗު ސްޓަނިސްލާވް ޗެރްޗެސޯވް އާއި ފައިނަލްގައި ކުޅެ ބަލިވި ކްރޮއޭޝިޔާގެ ކޯޗު ލަޓްކޯ ޑަލިކާއި މެންޗެސްޓާ ސިޓީއަށް ޕްރެމިއާ ލީގު ކާމިޔާބުކޮށްދިން ޕެޕް ގާޑިއޯލާއެވެ. މީގެ އިތުރުން މޮޅު ކޯޗުގެ މަޤާމަށް ދެން ވާދަކުރަނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާއި ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް އާއި އެތްލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއެގޯ ސިމިއޯނީ އާއި ބާސެލޯނާއަށް ދެ ތަށި ހޯދައިން ކޯޗު އާނެސްޓޯ ވަލްވާޑޭ އާއީ އިނގިރޭސި ކޯޗު ގެރެތް ސައުތުގޭޓެވެ.
މޮޅު ކޯޗުގެ މަޤާމު ހޮވަނީ ކެޕްޓަނުންނާއި ކޯޗުން އަދި ހޮވާލެވޭ 200 ނޫސްވެރިއަކާއި އާއްމުންގެ ވޯޓާއެކުގަ އެވެ. އެންމެ މޮޅު ކޯޗަށް އެވޯޑް ހަވާލުކުރުން އޮންނާނީ ސެޕްޓެމްބަރު މަހު ލަންޑަނުގައި ބާއްވާ ފީފާ ދަ ބެސްޓް އެވޯޑް ނައިޓްގަ އެވެ.