ކުޅިވަރު

އޮޒިލް އަތުން ރެފްރީ އޮޓޯގްރާފް ހޯދައިފި


ޕީއެސްޖީ އަތުން ރޭ އާސެނަލް 5-1 ން މޮޅުވި މެޗުގެ ރެފްރީ، އާސެނަލްގެ ޖަރުމަނު މިޑްފީލްޑަރު މެސުޓް އޮޒިލް އަތުން އޮޓޯގްރާފް ހޯދައިފިއެވެ.

ސިންގަޕޫރުގައި ކުޅުނު މި މެޗުގެ ރެފްރީ އޮޒިލް ކުރެން އޮޓޯގްރާފް ދިނުމަށް އެދުނީ މެޗުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިން ޓަނަލްގައި ތިއްބައެވެ. މި ގޮތުން ރެފްރީގެ ރީނދޫ ކާޑުގައި އޮޒިލް ސޮއިކުރާ މަންޒަރު ޓީވީން ދެއްކުމުން އެ މަންޒަރު ވަނީ ޝޯޝަލް މީޑިއާގައި ވެސް ހިޓަކަށް ވެފައެވެ.
ރޭގެ މެޗުގައި އާސެނަލްގެ ކެޕްޓަންކަން ކުރީ ވެސް އޮޒިލްއެވެ. އޭނާ އަކީ މި މަހުގެ މެދުތެރޭގައި ރަޝިޔާގައި ނިމުނު ވަރލްޑް ކަޕަށް ފަހު ޖަރުމަނުގެ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ ކުޅުންތެރިއެކެވެ.

2014 ވަނަ އަހަރުގެ ވަރލްޑް ކަޕް ކާމިޔާބު ކުރި ޖަރުމަނު ޓީމުގައި ކުޅުނު އޮޒިލް ޤައުމީ ޓީމަށް ކުޅުން ހުއްޓާލީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮގްދުގާންއާއެކު ނަގާފައިވާ ފޮޓޯގެ މައްސަލަ ބޮޑުވެ ޒާތްޒާތުގެ ފާޑުކިއުން އަމާޒުވާން ފެށުމުންނެވެ. މި މައްސަލާގައި ޖަރުމަނުގެ ފުޓްބޯޅަ ފެޑަރޭޝަނުގައި ވެސް ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ.
އާސެނަލްގެ އާ ކޯޗު އުނާއީ އެމްރޭ ބުނީ އޮޒިލްއަށް ކެޕްޓަންކަން ދިނީ އެ ޒިންމާ އޭނާ އަށް ކުރެވޭނެ ކަމުގެ ޤާބިލްކަން ހުރިކަމަށް ފެނިގެން ކަމަށެވެ. އަދި އޭނާގެ ޕްލޭނުގައި އޮޒިލް އަކީ އާސެނަލްގެ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.